މޫސާ ޒަމީރު

މިނިސްޓަރު ޒަމީރާއި ގަތަރުގެ ބޮޑުވަޒީރު ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ގަތަރުގެ ބޮޑުވަޒީރު އަދި ހާރިޖީ ވަޒީރުކަންވެސް ކުރައްވަމުން ގެންދަވާ ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލްތާނީ ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފި އެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ މިބައްދަލުކުރެއްވުމުގައި ރާއްޖެއާއި ގަތަރާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

މިނިސްޓަރު ޒަމީރު ވަނީ ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސޯދީ ތަރައްގީއަށް ގަތަރުން އެހީތެރިވަމުން ގެންދާތީ އެކަމަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.

ރާއްޖެ އިން ގަތަރާ އެކު ސިޔާސީ ގުޅުން ގާއިމުކުރިތާ މި އަހަރު 40 އަހަރު ފުރޭނެ އެވެ.

މިއީ މިނިސްޓަރު ޒަމީރު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ގަތަރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މިނިސްޓަރު ޒަމީރުގެ އަރިހުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަދި ކުރީގެ ގަވަރުނަރު ފަޒީލް ނަޖީބާއި، ސެކްރެޓަރީ، ބައިލެޓަރަލް ޑރ. ހާލާ ހަމީދާއި ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ލަމްހާ ސަލީމްވެސް ގަތަރަށް ވަޑައިގެންނެވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދިވެހިރާއްޖެއިން ގަތަރާ އެކު ގާއިމުކޮށްފައި އޮތް ސިޔާސީ ގުޅުން ޖޫން 5، 2017 ގައި ކަނޑާލި އެވެ. އެކަމަކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޖެނުއަރީ 5، 2021 ގައި ވަނީ އަލުން އެ ގުޅުން އިއާދަށްކޮށްފަ އެވެ.