ރަޝިއާގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި ލަޑިމިއާ ޕޫޓިން ރައީސްކަމުގެ ފަސްވަނަ ދައުރެއް ކާމިޔާބުކުރައްވައި މި މަހު ހަތެއްގައި ވަނީ މަގާމާ ހަވާލުވެ ވަޑައިގެންފަ އެވެ.
ރަޝިއާގެ ރައީސްކަމުގެ މުއްދަތަކީ ހަ އަހަރެވެ. ރަޝިއާގައި ރިޔާސީ އިންތިހާބެއް ދެން އޮންނާނީ 2030 ގައެވެ.
ލަޑިމިއާ ޕޫޓިން ރައީސްކަމުގެ ހުވައިކުރައްވައި މިހާރު ވަނީ ސަރުކާރެއް އެކުލަވާލައްވާފަ އެވެ.
އޭނާ އެކުލަވާލެއްވި އާ ކެބިނެޓްގައި ދިފާއީ ވަޒީރުގެ މަގާމުގައި ކުރިން ހުންނެވި ސަރުގޭ ޝޮއިގޫރު ހިމެނިވަޑައެއް ނުގަންނަވަ އެވެ.
ރަޝިއާގެ ދިފާއީ ވަޒީރުގެ މަގާމަށް ޕޫޓިން މިފަހަރު އައްޔަން ކުރެއްވީ މަދަނީ އިގުތިސާދީ މާހިރެއް ކަމަށްވާ އަންދުރޭ ބެލޮސޯފް އެވެ. އޭނާ އަކީ ކުރިން ރަޝިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރުގެ މަގާމުވެސް އަދާކުރެއްވި ބޭފުޅެކެވެ.
އަސްކަރީ ދާއިރާއާ ގުޅުމެއް ނެތް ބޭފުޅަކު ދިފާއީ ވަަޒީރުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން މިއީ ކިހިނެއް ވެގެން އުޅޭ ކަމެއްތޯ ގިނަ ބަޔަކު ދަނީ ސުވާލުކުރަމުންނެވެ.
ރަޝިއާގެ ރިޔާސީ ގަނޑުވަރުގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުގައި ޕޫޓިންގެ މި އިހްތިޔާރަކީ ރަޝިއާއަށް މި ވަގުތު އެންމެ ރަނގަޅު ގޮތެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރަޝިއާގައި މި އަހަރު އޮތް ރިޔާސީ އިންތިހާބުގެ ކުރިންވެސް ދިފާއީ ވަޒީރަކަށް އާ ބޭފުޅަކު އައްޔަންކުރުމުގެ ވާހަކަތައް ވަނީ ދެކެވިފަ އެވެ.
ދިފާއީ ވަޒީރުގެ މަގާމުގައި ކުރިން ހުންނެވި ސަރުގޭ ޝޮއިގޫރު އަކީ ޕޫޓިންއަށް ވަރަށް ވަފާތެރި، އަރިސް ބޭފުޅެކެވެ. އެހެންކަމުން ދިފާއީ ވަޒީރުގެ މަގާމުން އޭނާ ދުރުކުރި ނަމަވެސް ނިޒާމުން ގެއްލުވާލާކަށް ޕޫޓިން ބޭނުންފުޅެއް ނުވެ އެވެ.
ސަރުގޭ ޝޮއިގޫރު، 68، އަށް މިހާރު ދެއްވާފައިވަނީ ދިފާއީ ވަޒީރަށް ވުރެވެސް މަތީ މަގާމެކެވެ. އެއީ ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީގެ މަގާމެވެ.
ހަބަރުތައް ބުނާ ގޮތުން ރަޝިއާގެ ދިފާއީ ވުޒާރާ ހިންގެވުން ސަރުގޭ ޝޮއިގޫރަށް އެހާ ފަސޭހައެއް ނޫނެވެ. ޔުކްރޭނާ ދެކޮޅަށް ރަޝިއާ ކުރާ ހަނގުރާމައިގައި، ފައުޖުތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދެއްވުމުގައި ޝޮއިގޫރުގެ ކިބައިން ގާބިލުކަން ނުފެންނަ ކަމަށް މައުލޫމާތު ލިބެ އެވެ.
ރަޝިއާ މިހާރު އޮތީ ހަނގުރާމައިގަ އެވެ. ރަޝިއާ ކޮޅަށް ހަނގުރާމަ ބަދަލުކޮށްލައި ކާމިޔާބު ހޯދުމަށްޓަކައި އަސްކަރިއްޔާގައި ތިބި ޖެނެރަލުންގެ ރޭވުންތެރިކަން ފުދޭނެ ކަމަށް ތަރުޖަމާން ޕެސެކޯވް ވިދާޅުވި އެވެ.
ރަޝިއާގެ އަސްކަރިއްޔާއަށް މިހާރު ބޭނުންވަނީ ހޭދަކުރަން ޖެހޭ މިންވަރަށް އިގުތިސާދު ރާވާނެ އިގުތިސާދީ ރޭވުންތެރިއެއް ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.
ހަނގުރާމައިގެ މައިދާނުގައި އޮވެގެންވެސް، އިގުތިސާދީ ގޮތުން ވާދަވެރިންނަށް ގޮންޖެހޭ ވަރުގެ ގައުމަކާށް ވަނީ އިތުތިސާދީ މާހިރުންގެ ރޭވުންތެރިކަމާ އެކު ކަމަށް ވެސް ޕެސްކޯފް ވިދާޅުވި އެވެ.