މުހައްމަދު ސައީދު

ފައިސާ ހޯދުމަށް ދަތިތައް އެބަހުރި: ސައީދު

ރާއްޖެ ކަހަލަ ގައުމުތަކަށް ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ފައިސާ ހޯދުމަށް ވަރަށް ބޮޑަށް ދަތިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ އދގެ ޔޫއެންޑީޕީން އިސް ނަގައިގެން މިއަދު ފެށި "ރީޖަނަލް ޕެސިފިކް ބްލޫ އިކޮނޮމީ ފޯރަމް"ގައި ވާހަކަދައްކަވަމުންނެވެ.

ސައީދު ވިދާޅުވީ ރާއްޖެ ފަދަ ގައުމުތަކަށް ފައިސާ ލިބުން ދަތިވެފައިވާތީ އެކަމަށް އޮތް ހައްލަކީ ބްލޫ ބޮންޑް ކަމަށެވެ. ނަމަވެސް ބުލޫ ބޮންޑް ހޯދުމުގައިވެސް ދަތިތައް ހުރި ކަމުގައި ވިދާޅުވި އެވެ.

"ގޮންޖެހުންތަކާ ގުޅިގެން އަޅުގަނޑުމެން ކަހަލަ ކުރިއަރަމުންދާ ގައުމުތަކަށް މި ފައިސާ ހޯދުމުގައި ގޮންޖެހުން އެބަހުރި،" އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށްޓަކައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މިހާރަށް ވުރެ ބޮޑަށް ފުޅާކޮށް ތަރައްގީއަށް ކުރާ މަސައްކަތް އިތުރުކޮށްފިނަމަ ރާއްޖޭގެ ދުވެލި ބާރު ކުރެވޭނެ ކަމަށެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓަށް ފައިސާ ހޯދުމަށްޓަކައި 771 މިލިއަން ރުފިޔާގެ ބްލޫ ބޮންޑު ވިއްކަން ހިމަނާފައިވެ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ގެންދަނީ އިގްތިސާދީ މުޅިން އާ ދާއިރާތަކުގެ މަސައްކަތްތައް ފެށުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.