ފަލަސްތީން

ފަލަސްތީންގެ ޝުކުރު ދިވެހިންނަށް

އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން އިޒްރޭލަށް ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލެއްވުމާ ގުޅިގެން ފަލަސްތީން ސަރުކާރުން ޝުކުރުއަދާކޮށްފި އެވެ.

އިޒްރޭލަށް ފިޔަވަޅު އެޅުމަށް ރައީސް މުއިއްޒު ގޮވާލެއްވީ އިއްޔެ އެކްސްގައި އިނގިރޭސި ބަހުން ކުރެއްވި ޕޯސްޓެއް ގައެވެ.

ފަލަސްތީން ސަރުކާރުގެ ރަސްމީ އެކްސް އެކައުންޓުން ރައީސް މުއިއްޒުގެ ޕޯސްޓް ރީޕޯސްޓްކޮށް ބުނެފައިވަނީ ރާއްޖެއަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފާ ފަލަސްތީނަށް ދެމުންދާ އެއްބާރުލުމާއި ސަޕޯޓަށް ޝުކުރުއަދާކުރާ ކަމަށެވެ.

ފަލަސްތީން ސަރުކާރުގެ މި ޕޯސްޓަށް ވަރަށް ގިނަ ދިވެހިން ވަނީ ޖަވާބުވެސް ދީފަ އެވެ. އެގޮތުން ހުރިހާ ދިވެހިންވެސް ވަނީ ފަލަސްތީނާ އެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

ރައީސް މުއިއްޒު އިއްޔެ ވިދާޅުވީ އިޒްރޭލުން ފަލަސްތީންގެ ޣައްޒާގައި ވަކިން ހާއްސަކޮށް ރަފަހްގައި ކުރިއަށް ގެންދާ އަސްކަރީ ހަމަލާތައް ހުއްޓުވަން ބަހެއް ނުބުނެ ބައިނަލްއަގްވާމީ މުޖުތަމައު ނޯންނާނެ ކަމަށެވެ.

ރައީސް ވަނީ ބައިނަލްއަގްވާމީ ގާނޫނުތަކަށް އަމަލުކުރުމަށް އިޒްރޭލަށް ގޮވާލައްވާފަ އެވެ.

"މިއީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން [އިޒްރޭލަށް] ފިޔަވަޅު އަޅަންވީ ވަގުތު،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ ފަލަސްތީން ރައްޔިތުންނަށް މިނިވަން ދައުލަތެއް ލިބި ފަލަސްތީނުގެ ރައްޔިތުންނަށް ހަމަޖެހޭ ސުލްހަވެރި އަދި އަބުރުވެރި ދިރިއުޅުމެއް ލިބުމާ ހަމައަށް ދިވެހިން ކުރާ މަސައްކަތުގައި ސާބިތުވެ ތިބޭނެ ކަމަށެވެ.