އިންޑިއާ

ރާއްޖޭގައި މަޝްރޫއުތައް ދަނީ ރަނގަޅަށް: ޖައިޝަންކަރު

އިންޑިއާގެ އެހީތެރިކަމާ އެކު ރާއްޖޭގައި ކުރެވޭ މަސައްކަތްތައް ކުރިއަށް ދަނީ ރަނގަޅަށް ކަމުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާންޔަމް ޖަޔަޝަންކަރު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އިގްތިސާދީ ކުރިމަގާ ގުޅޭގޮތުން އަހަރަކު އެއް ފަހަރު ބާއްވާ ސީއައިއައި އެނުއަލް ބިޒްނަސް ސަމިޓްގައި ވާހަކަދައްކަވަމުން ޖަޔަޝަންކަރު ވިދާޅުވީ ސިޔާސީ ގޮތުން ބައެއް ކަންކަމުގައި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ރާއްޖޭގައި މަސައްކަތްތައް ކުރިއަށްދަނީ ރަނގަޅަށް ކަމަށެވެ.

ރާއްޖޭގެ ހާރިޖީ ވަޒީރު މޫސާ ޒަމީރު ދާދިފަހުން އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކަށްފަހު ކުރިއަށް އޮތް ދުވަސްތަކުގައި ބިނާކުރަނިވި ގޮތަކަށް މަސައްކަތްތައް ކުރިއަށްދާނެ ކަމުގައިވެސް ޖައިޝަންކަރު ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ބަދަހިކުރި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން އެ ގުޅުމަށް ވަރަށް ބޮޑަށް ހީނަރުކަން އައެވެ. ނަމަވެސް ދެ ގައުމުގެ ސަރުކާރުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތަކަށްފަހު ގުޅުން ރަނގަޅުވަމުންދާ ކަމަށްވެސް ފެނެ އެވެ.

ރާއްޖެއާއި އިންޑިއާގެ ގުޅުން މިވެރިކަމުގައި އެންމެ ބޮޑަށް ގޯސްވީ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެއިން ފޭބުމަށް ދިވެހި ސަރުކާރުން އެންގުމުންނެވެ. ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން މިމަހުގެ 10 ވަނަ ދުވަހު މިހާރު ވަނީ ރާއްޖެއިން ފައިބާފަ އެވެ. ނަމަވެސް އެ އަދަދަށް އިންޑިއާގެ މަދަނީ މީހުން ވަނީ ރާއްޖެ އައިސްފަ އެވެ.