ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ހާމަކޮށްފި އެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ހުޅުލެއަށް 63.7 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
ދެން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އދ. މާމިގިއްޔަށެވެ. އެ ރަށަށް 50.5 މިލިމީޓަރުގެ ވާރޭވެހިފައިވެ އެވެ.
ލ. މާފަށަށް އިއްޔެ 40.6 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު ގދ. ކާޑެއްދޫއަށް 40.4 މިލިމީޓަރުގެ ވާރޭވެހިފައިވެ އެވެ.
މާލެއަށް އިއްޔެ 20.7 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން އުތުރުގެ ރަށްތަކަށްވުރެ ބޮޑަށް އިއްޔެ މެދުރާއްޖެ ތެރެއާއި ދެކުނުގެ ރަށްތަކަށް ވާރޭ ވެހުނު މިންވަރު އިތުރެވެ.
ރާއްޖެއަށް ހުޅަނގު މޫސުން ފެށުނުކަން މެޓް އޮފީހުން ހާމަކޮށްފައިވާއިރު މި ދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެކެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދަށް މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް ޔެލޯ އެލާޓް ނެރެފަ އެވެ.
މި ސަރަހައްދުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.