މޯލްޑިވްސް ޕޮލިސް ސާވިސް

309 އޮޕަރޭޝަނެއްގައި 35 ކިލޯގެ ޑްރަގު އަތުލައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް 309 އޮޕަރޭޝަން ހިންގައި 35 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މިމައުލޫމާތު ހާމަކޮށްފައިވަނީ ފުލުހުންގެ އިދާރާ އިން އާންމުކުރި މިދިޔަ ހަމަސް ދުވަހުގެ ތަފާސްހިސާބު ގައެވެ.

ފުލުހުންގެ މައުލޫމާތުތަކަށް ބަލާއިރު ވައްކަމުގެ އެކި މައްސަލަތަކުން ހަތަރު މިލިއަނެއްހައި ރުފިޔާ އަނބުރާ ހޯދާފައިވާއިރު ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ތެރެއިން ޖިނާއީ ކުށްތަކުގައި ޝާމިލުވި 50 މީހަކު ޑީޕޯޓުކުރުމަށްވެސް މިމުއްދަތުގެ ތެރޭގައި މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ފޯރުކޮށްދޭ އަވައްޓެރި ފުލުހުންގެ ހިދުމަތުގެ ތެރެއިން 905 ހަރަކާތް މިދިޔަ ހަމަސް ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި ހިންގައި، ރައްޔިތުންނަށް ހާއްސަކޮށްގެން 525 ޕްރޮގްރާމްވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

މި މުއްދަތުގައި ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 554 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވުމަކީ ކާމިޔާބެއްގެ ގޮތުގައި ފުލުހުން ދެކެ އެވެ. ކުރިން ތަހުގީގު ކޮށްފައިވާ 42 މައްސަލައެއްގައި ކޯޓު މަރުހަލާގައި މިމުއްދަތުގައި ހުކުމްތަކެއްވެސް ކޮށްފައިވެ އެވެ. އަދި މި މުއްދަތުގައި އެކި މައްސަލަތަކުގައި 3،691 މީހަކު ހައްޔަރުކޮށްފައިވެ އެވެ.

ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރާ މުވައްޒަފުން ބިނާކުރުމާއި ތަމްރީން ކުރުމުގެ މަސައްކަތަށް ބަލާއިރު ފާއިތުވި ހަމަސް ދުވަހު ރާއްޖެއާއި ރާއްޖޭން ބޭރުން ޖުމްލަ 142 ޕްރޮގްރާމެއްގައި 899 މުވައްޒަފުން ތަމްރީން ކޮށްފައިވެ އެވެ. މިމުއްދަތުގައި ރާއްޖޭގެ އެކި ރަށްރަށުގައި 19 ޕޮލިސް ޕޯސްޓު އަލަށް ހުޅުވާފައިވެސްވެ އެވެ. އަދި އިތުރު 12 ޕޮލިސް ޕޯސްޓު މި އަހަރުގެ ތެރޭގައި ހުޅުވުމަށް ތައްޔާރުވަމުންވެސް އެބަދެ އެވެ.