ކެބިނެޓް

އުފެއްދުންތެރިކަމުގެ މައުރަޒެއް އަލުން ބޭއްވުމަށް ނިންމަވައިފި

ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާކުރުމުގެ މަގުސަދުގައި ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް މައުރަޒެއް ބޭއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

އެމަނިކުފާނު މިގޮތަށް ނިންމެވީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު އެވެ.

އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި މި މަައުރަޒު ބޭއްވުމަށް ނިންމާފައިވަނީ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު"ގެ ނަމުގައެވެ.

މީގެ އިތުރުން މި މައުރަޒަކީ ވާދަވެރި މާހައުލެއްގައި ބޭއްވޭ މައުރަޒަކަށް ހެދުމަށްޓަކައި އެކި ދާއިރާތަކުން ވާދަކުރެވޭ ގޮތަށް މި މައުރަޒު ކުރިއަށް ގެންދިއުމަށް ވަނީ ނިންމަވާފަ އެވެ. ކްރިއެޓިވް އިކޮނޮމީ ޑިސްޓްރިކްޓާއި، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓާއި، އެންޓަޓެއިންމަންޓް ޑިސްޓްރިކްޓް އަދި މާކެޓް ޕްލޭސް ޑިސްޓްރިކްޓް ހިމަނައިގެން މި މައުރަޒު ބޭއްވުމަށްވެސް ނިންމަވާފައިވެ އެވެ. ހަމަ އެއާއެކު މި މައުރަޒު އިންތިޒާމުކޮށް ހިންގުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ކުރިއަށް ގެންދިއުމަށްވެސް ވަނީ ނިންމަވާފަ އެވެ.

އަހަރުން އަހަރަށް މި މައުރަޒު ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް މުހިއްމު ނިންމެވުންތަކެއް ވަޒީރުންގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތު ދީފައިވެ އެވެ.