ފައްޔާޒް އިސްމާއީލް

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން ސޮއި ހޯދަނީ

މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފައްޔަ) ގެ އިތުބާރު ނެތްކަމުގެ މައްސަލައެއްގެ ގަރާރު އެކުލަވައިލާ ސޮއި ހަމަ ކޮށްގެން ރައްޔިތުންގެ މަޖިލީހަށް ވައްދަން މެމްބަރުންގެ ސޮއި ހޯދަން ފައްޓަވައިފި އެވެ.

ނަން ހާމަ ނުކުރަން ޝަރުތުކޮށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރަކު ވިދާޅުވީ، މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމުގައި އިސްކޮށް އުޅުއްވަނީ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ވަރަށް ގާތް ކަމެއް އޮންނަ މެންބަރުންތަކެއް ކަމަށެވެ.

އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް (އިބުރާ) ގެ ކޮއްކޯފުޅު ފައްޔާޒު މިނިސްޓަރު ކަމުގައި ހުންނެވީ ވެސް އެމްޑީޕީގެ ސްލޮޓެއްގަ އެވެ. އެކަމަކު މިނިސްޓަރު ފައްޔާޒަކީ ކުރީގެ ރައީސް ނަޝީދަށް ވުރެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވަރަށް ގާތް ކަމެއް އޮންނަ އެ މަނިކުފާނުގެ އިތުބާރު ބޮޑު ބޭފުޅެކެވެ.

މިނިސްޓަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ބޭނުން ވާނީ މަދުވެގެން 10 މެންބަރުންގެ ސޮއެވެ. މިހާރު ވެސް އެ އަދަދަށް ސޮއި ހަމަވެފައިވާ ކަމަށް އެމްޑީޕީގެ އެ މެންބަރު ވިދާޅުވި އެވެ. އަދި ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނި ވަޑައިގަންނަވާއިރު މިހާރު 19 މެންބަރަކު ސޮއި ކުރައްވާފައިވާ ކަމަށް ވެސް ވެއެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން 65 މެންބަރުންނަކީ އެމްޑީޕީގެ މެންބަރުންނެވެ. މިއީ މަޖިލިސް ފެށި ފަހުން އެމްޑީޕީގެ ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ތައްޔާރުވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ވެސް އެމްޑީޕީގެ ސްލޮޓެއްގައި ޔޫތު މިނިސްޓަރު ކަމުގައި ހުންނެވި އަހުމަދު މަހްލޫފުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މަސައްކަތް ކުރެއްވި ކަމަށް މެންބަރަކު ވިދާޅުވި އެވެ. ނަމަވެސް އާޒިމް އެ ކަން ދޮގު ކުރެއްވި އެވެ. އަދި އެފަދަ މައްސަލައެއް މަޖިލީހަށް ވައްދާފައެއް ވެސް ނުވެ އެވެ.

ނަން ބޭނުންފުޅު ނުކުރައްވާ ގޮތަށް އެމްޑީޕީގެ މެންބަރަކު ވިދާޅުވީ މި މައްސަލަ ވައްދާނެ ކަމަށާއި ވެއްދި ނަމަވެސް ފައްޔޒުގެ މައްޗަށް އިތުބާރު ނެތް ކަމަށް ތަޅުމުހައި ފާސް ނުވާނެ ކަމަށެވެ.

"ފާހެއް ނުވާނެ، މީގެ ބޭނުމަކީ ރައީސް ސޯލިހަށް އުނދަގުލެއް ކޮށްލުން، ކަމަށް ބެލެވެނީ،" އެ މެންބަރު ވިދާޅުވި އެވެ.