ކެބިނެޓް

އައްޑޫގައި އިސްރަށްވެހިންނަށް ހާއްސަ މަރުކަޒެއް އަޅަނީ

އައްޑޫ ސިޓީގައި އިސްރަށްވެހިންނަށް ހާއްސަކޮށްގެން "އިސްރަށްވެހިންގެ ހިޔާވަހި" ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް މުއިއްޒު މިގޮތަށް ނިންމެވީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ހުށަހެޅި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު އެވެ.

ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މި މަރުކަޒު އެޅުމަށް ނިންމަވާފައިވަނީ އައްޑޫ ސިޓީ ފޭދޫ ގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާ ގުޅިގެން، ދޮށީ އުމުރުގެ މީހުންނާއެކު އާއިލާތަކަށް ދިރިއުޅެވޭނެ މަގުފަހި ކުރުމުގެ ގޮތުން ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ ސްކީމުތަކުގައި ދޮށީ އުމުރުގެ މީހުންނާއެކު ދިރިއުޅޭ ނުވަތަ އެމީހުން ބަލަހައްޓާ ފަރާތްތަކަށް ޕޮއިންޓު ލިބޭނެ އުސޫލުތައް އެކަށައެޅުމަށްވެސް ނިންމަވާފައިވެ އެވެ. އަދި ދޮށީ އުމުރުގެ މީހުންނަށް ލިބިދޭންޖެހޭ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ގޮތުން، ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްވެސް ރައީސް ވަނީ ނިންމަވާފަ އެވެ.

އިސްރަށްވެހިންނަށް ހާއްސަކޮށްގެން މާލޭގައިވެސް ވަނީ "އިސްރަށްވެހިންގެ ނާދީ"ގެ ނަމުގައި މަރުކަޒެއް ހުޅުވާފަ އެވެ.