ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އިން "ބޭންކް ފަންޑް" ތައާރަފްކޮށްފި

ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޖަމިއްޔާތައް ބާރުވެރިކޮށް، މުޖުތަމައަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު "ބޭންކް ފަންޑް" ތައާރަފްކޮށްފި އެވެ.

ދެމެހެއްޓެނެވި އިޖުތިމާއި ޕްރޮގްރާމް ހިންގާ ޖަމިއްޔާތަކަށް އަމާޒުކޮށް ބޭންކުން މިއަދު ވަނީ 'ބޭންކް ފަންޑް' އަށް ޕްރޮޕޯސަލް ހުށަހެޅުމަށްވެސް ހުޅުވާލާފަ އެވެ.

މި ފަންޑުގެ ދަށުން ކޮންމެ އަހަރަކުވެސް ތައުލީމާއި، ތިމާވެއްޓާއި، ކުޅިވަރާއި، މުޖުތަމައަށް ފައިދާކުރާ ދާއިރާތަކުން ފަސް ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް ދެ ލައްކަ ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ދެމެހެއްޓެނިވި އަދި ޒިންމާދާރު ވިޔަފާރިއެއްގެ ހައިސިއްޔަތުން ބޭންކުން އަބަދުވެސް އަންނަނީ މުހިންމު ހަރަކާތްތަކަށް އިންވެސްޓް ކުރަމުން ކަމަށެވެ. މިގޮތުން ފާހަގަކޮށްލެވޭ މުހިއްމު އެއް ޕްރޮގްރާމް ކަމަށްވާ ކޮމިއުނިޓީ ފަންޑް މެދުވެރިކޮށް 2019 އިން ފެށިގެން އިޖުތިމާއީ 100 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެން މި ތައާރަފްކުރި ބޭންކް ފަންޑަކީ ޖަމިއްޔާތަކަށް މިހާރަށްވުރެ ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ ބޭނުމުގައި އަލުގަނޑުމެން ކުރިން ދެމުންދިޔަ ފަންޑަށް ބަދަލު ގެނެސް، އިތުރު ފުރިހަމަކަމާއެކު ފަށާ ފަންޑެއް،" ކާލް ވިދާޅުވި އެވެ.

ބޭންކް ފަންޑް ހުޅުވާލާފައިވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ، ޖަމާއަތް އަދި ކްލަބްތަކަށެވެ.

މިފަންޑަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ ކުރިއަށް އޮތް ޖޫން 10 ވަނަ ދުވަހުގެ ރޭގަނޑު 11:00 އެވެ. މި ފަންޑަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ޕްރޮޕޯސަލް ބީއެމްއެލްގެ އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ.