މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އޮރެންޖް އެލާޓް ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ވަނީ ބ. އަތޮޅުން ފެށިގެން ވ. އަތޮޅުގެ ރަށްތަކަށް މިއަދު މެންދުރު 12:00 އާ ހަމައަށް އޮރެންޖް އެލާޓް ނެރެފަ އެވެ.
މި ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.
މީގެ އިތުރުން މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅުގެ ރަށްތަކަށް ޔެލޯ އެލާޓްވެސް ނެރެފަ އެވެ.
އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 12:30 އާ ހަމައާށެވެ.
މި ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މި ސަރަހައްދުގެ ރަށްތަަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.