ރާއްޖެއަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ ކަނޑުދަތުރުކުރާ މީހުންނާއި މޫދަށް އެރޭ މީހުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
މި ދުވަސްވަރަކީ ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށްވުމާއެކު ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި މެނުވީ ކަނޑުދަތުރު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ދަތުރުކުރަން ޖެހިއްޖެ ހާލަތުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ކުދި އުޅަނދުގައި ދަތުރުނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން ފަޅު ރަށްރަށާއި ފިނޮޅު ފަދަ ތަންތަނަށް ދަތުރު ނުދިއުމަށާއި މޫދަށް ނޭރުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ކުރިއަށް އޮތް ތިން ދުވަހުވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ -- މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މިއަދު ނެރުނު އޮރެންޖް އެލާޓްގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.
އެ ގޮތުން ޅ. އަތޮޅުން ފެށިގެން ވ. އަތޮޅުގެ ރަށްތަކަށް މިއަދު މެންދުރު 12:00 އިން ހަވީރު 4:00 އަށް ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ.