މި ދުވަސްވަރަކީ ވައިގަދަ، ވިއްސާރަ ދުވަސްވަރަކަށްވާތީ ސިނަމާލެ ބްރިޖު އަދި ހައިވޭއިން ދަތުރުކުރައްވާއިރު ތިމާއާއި އަނެއް މީހާގެ ސަލާމަތާއި ރައްކާތެރި ކަމަށް ބަލައިގެން އުޅަނދު ދުއްވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން މިކަމަށް އިލްތިމާސްކޮށްފައި މިވަނީ މިހާރު ކުރަމުންދާ ވިއްސާރައިގެ ހައިވޭ އާއި ބްރިޖު މަތީގައި ބައެއް ކަހަލަ ހާދިސާތައް ހިނގުން އިތުރުވެފައިވާތީ އެވެ.
ފުލުހުންގެ އިދާރާ އިން މިރޭ ބުނީ ސިނަމާލެ ބްރިޖާއި ހައިވޭގައި ސައިކަލު ދުއްވާއިރު ކުޑަނަގައިގެން ނުދުއްވުމަށާއި ފަސޭހައިން ހަލާކުވެ ވަޔާދާ ފަދަ ކޯޓު ބޭނުން ނުކުރުމަށާ އަދި ހެލްމެޓު ވެސް ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.
މީގެއިތުރުން އުޅަނދުގެ ލައިޓުތައް ދިއްލޭތޯ ބަލައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްގެން ނޫނީ އުޅަނދުތައް ނުދުއްވުމަށްވެސް ފުލުހުން އެދިފައިވެ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ކުރިއަށް އޮތް ތިން ދުވަހުވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ -- މެޓް އޮފީހުން ވަނީ ބުނެފަ އެވެ.