ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ ނައިބަކަށް މުހައްމަދު ރަޝީދު އައްޔަންކޮށްފި އެވެ.
އޭނާ އެންމެ ފަހުން ހުންނެވީ މަޖިލީހުގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނަރަލްގެ މަގާމު ގައެވެ.
އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ މުހައްމަދު ރަޝީދު މަޖިލީހުގައި މަގާމުގެ ކުރިއެރުން ދެއްވީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމުގެ ނައިބަކަށް މުހައްމަދު ރަޝީދު އައްޔަންކޮށްފައި މިވަނީ މަޖިލީހުގެ ގަވައިދުވެސް އިސްލާހު ކުރުމަށްފަހު އެވެ.
މަޖިލިސް ގަވައިދު ކުރިން އޮތީ އަމީންއާންމުގެ މަގާމަށް ދެ ބޭފުޅަކު އެއް ވަގުތެއްގައި އައްޔަންކުރެވޭ ގޮތަކަށް ނޫނެވެ. ނަމަވެސް ހިންގުމުގެ ދާއިރާ އާއި ގާނޫނީ ދާއިރާ އިން އަމީންއާންމަށް އެހީވުމަށްޓަކައި އަމީންއާންމުގެ ނައިބުގެ މަގާމަށް ދެ ބޭފުޅުން އައްޔަންކުރެވޭ ގޮތަށް ގަވައިދު އިސްލާހުކުރީ މިމަހުގެ ކުރީކޮޅު ކަމަށް އެނގިފައިވެ އެވެ.