ރައީސް އޮފީސް

ޑެޕިއުޓީ މިނިސްޓަރު ވަޖުދީ ސަސްޕެންޑްކޮށްފި

މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަ އެންޑް ހެރިޓޭޖުގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ސައީދު މޫސާ ވަޖުދީ ސަސްޕެންޑްކޮށްފި އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި އޭނާ ސަސްޕެންޑް ކުރީ ބަލަމުންދާ ސްލޫކީ މައްސަލައަކާ ގުޅިގެންނެވެ.

ކުރިން ނޫސްވެރިކަންވެސް ކުރައްވާފައިވާ ވަޖުދީއާ ގުޅޭ ގޮތުން ބަލަނީ ކޮން މައްސަލައެއް ކަމެއް އެނގިފައެއް ނުވެ އެވެ.

ވަޖުދީއާ އެކު ހެރިޓޭޖު މިނިސްޓްރީގައި 8 ޑެޕިއުޓީ މިނިސްޓަރުން ތިއްބަވަ އެވެ. އަދި ތިން ސްޓޭޓް މިނިސްޓަރުންވެސް އެ މިނިސްޓްރީގައި ތިއްބަވަ އެވެ.

ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޝިފާޒު ސަސްޕެންޑުކޮށްފައިވާ ކަމަށް ސަރުކާރުން މިއަދު ހެނދުނު ޔަގީންކޮށްދީފައިވެ އެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފްގެ އިތުރުން މަހުޒޫމް މާޖިދު ވެސް ހުންނެވީ ސަސްޕެންޝަންގައެވެ.