މޯލްޑިވިއަން އައިޑޮލް

އުނޫޝާ މަންމަގެ ހެދުމުގައި، ޝޯ 70 ގެ އަހަރުތަކަށް!

ރޭ ފެނިގެން ދިޔައީ މޯލްޑިވިއަން އައިޑޮލް ޝޯގެ މިހާތަނަށް ފެނުނު އެންމެ ތަފާތު އެޕިސޯޑުކަން ޔަގީނެވެ. ރޭ އެޕިސޯޑްގެ ތީމްއަކީ "އޯލްޑް އިސް ގޯލްޑް" އެވެ. ރޭ ލަވަ ކިިޔުންތެރިން ހުށަހަޅާދީފައިވަނީ 70 ގެ އަހަރުތަކުގެ ލަވަތަކެވެ. އޭރު ދިވެހިންގެ ހިތްތައް ކަތިލި ހިތްގައިމު ރަން ޒަމާނުގެ ލަވަތަކެވެ. މިހާރުގެ ލަވަކިޔުންތެރިންގެ އަޑުން އެ ލަވަތައް އަޑު އިވިގެން ދިޔުން ވީ އަދި މާ ތަފާތު، ހިތްގައިމު ކަމަށެވެ. ރޭގެ ހުރިހާ ލަވަތަކަކީ ވެސް ފާހަގަކޮށްލެވޭ ލަވަތަކެވެ.

ލަވަތައް އެއްކައިރިކޮށްލާފައި ލަވަ ކިޔުންތެރިންނާއި ޖަޖުންގެ ފެނިލުމަށް ބަލާލާމާ ހެއްޔެވެ. ވަރަށް ވެސް ތަފާތެވެ. ހުރިހާ ބައިވެރިން ވެސް ތިބީ ރަން ޒަމާނުގަ އެވެ. އޭރުގެ މަޝްހޫރު ގޮތްގޮތަށް ހެދުން އަޅައިގެންނެވެ. ކުލަ މަޖާގަނޑެއްހެން އިޝާން، ސޯދިގު އަދި އަމާން ތިބިއިރު، ޒަލީފް، ފާލިހު، ނަޒީހް، މުއައްޒިން، އަދި ޝަލަބީ ފެނިގެން ގޮސްފައިވަނީ ވަނީ ވަރަށް ތަފާތު ކޮށެވެ. ހަމައެހެންމެ ތިން އަންހެން ބައިވެރިން ވެސް ރޭ އާދަޔާ ހިލާފަށް ޗާލެވެ.

ބައިވެރިންގެ އިތުރުން ޖަޖުންގެ ހެދުންތައް ވެސް ފާހަގަކޮށްލެެވެ އެވެ. އެންމެ ބޮޑަށް ފާހަގަވީ އުނޫޝާގެ ހެދުމެވެ. ސަބަބުތައް އެބަހުއްޓެވެ. އެ ހެދުމަކީ ހަނދާންތަކާ ގުޅިފައިވާ ހެދުމަކަށްވުމެެވެ. "އެދިގެން މިރޭ ދާނަމޭ" އަދިވެސް އެވަރެއް ނެތް ލަވައެކެވެ. އެ ލަވައަކީ އުނޫޝާގެ މަންމަ
ޝަފީގާގެ ހިތްގައިމު ލަވައެކެވެ. އެ ލަވަ ޝަފީގާ ހުށަހަޅައިދިނީ ގެލެކްޝީ ޝޯގަ އެވެ. އެރޭ ޝަފީގާ ފެނިގެން ގޮސްފައިވާ ގޮތަށް ރޭ އުނޫޝާ ވަނީ ހެދުން އަޅާފަ އެވެ. އުނޫޝާގެ މަންމައަކީ ކިހާވަރެއްގެ މީހެއްކަން އުނޫޝާ ބޭނުންވީ ދުނިޔެއަށް ހާމަކުރާށެވެ.

"އަހަރެންގެ މަންމަ، އަހަރެންނާއި އަހަރެންގެ ކޮއްކޮމެން ބަލާ ބޮޑުކުރަން މަންމަވީ ގުރުބާނީތަކާއި ކުރި ބުރަ މަސައްކަތަށް ޝުކުރެއް އަދާއެއް ނުކުރެވޭނެ، މަންމައަކީ ސްޕަވުމަންއެއް، އެއީ އަހަރެންގެ އިންސްޕިރޭޝަން،، އަހަރެން ބޭނުން މުޅި ދުނިޔެއަށް މަންމައަކީ ކިހާވަރެއްގެ ސްޕަވުމަންއެއްކަން އަންގަން،" އުނޫޝާ ރޭ ބުނެފައިވަނީ މިހެންނެވެ.

މިހާރު މުޅި ރާއްޖެ މިވަނީ ރޭގެ 11 ލަވައިގެ ޝިކާރައަކަށްވެފަ އެވެ. އެންމެން ވެސް ބަލަނީ އެ ލަވަތައް އަޑު އަހާލެވޭތޯ އެވެ. ފެރީއަށް އަރާފައި ވެސް ބަލަނީ ސައުންޑް ކްލައުޑުން ލަވަތައް ޖަހާލެވޭތޯ އެވެ. އެހެންކަމެއް ވެސް ރޭ ފާހަގަކުރެވުނެވެ. އެއީ ރާއްޖޭގައި އަދިވެސް ނައިފަރު ދޮހޮއްކޮބެ ވަރުގެ ލަވަ ކިޔުންތެރިއެއް ނެތް ކަމެެވެ. ރޭ 11 ލަވަކިޔުންތެރިން ލަވަ ހުށަހަޅައިދިންއިރު، އޭގެ ތެރެއިން 8 ބައިވެރިން ހުށަހަޅައިދިނީ ދޮހޮއްކޮބެގެ ޗާލު ލަވަތަކެެވެ. ދެން އިވިގެން ދިޔައީ ޖަމީލާ ހަސަން، އަބްދުއް ރައޫފު އަދި ހުސައިން ޝިހާބު ލަވަ އެވެ.

މިހާރު ބާރު އޮތީ ބެލުންތެރިންގެ އަތް މަތީގަ އެވެ. މިއަދު ހަވީރު ހަތަރެއް ޖަހަންދެން ވޯޓު ދިނުމުގެ ފުރުސަތު ހުޅުވިފައިވާއިރު، އެންމެ މަގުބޫލު ލަވައެއް ހުށަހަޅައިދިން ލަވަކިޔުންތެރިޔާގެ ލަވަތައް އަޑުއަހަން އިތުރަށް ބޭނުންނަމަ އަވަހަށް ވޯޓު ދިނުމަށް އަވަސްވެ ގަންނާށެވެ.