މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ.

އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 11:00 އާ ހަމައަށެވެ.

މި ސަރަހައްދުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. އަދި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މެޓް އޮފީހުން ބުނީ ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.