ދުނިޔެ

ބަންގްލަދޭޝްގެ ރަސްމީ ދީން ބަދަލުކުރަން ހުށަހަޅައިފި

ބަންގްލަދޭޝްގެ ރަސްމީ ދީނަކީ އިސްލާމްދީން ނޫން ކަމަށް ކަނޑައެޅުމަށް އެގައުމުގެ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ވެއްދީ ބަންގްލަދޭޝްގެ އެހެން ދީންތަކުގެ މީހުންނެވެ.

ބަންގްލަދޭޝްގައި އުޅޭ އެހެން ދީންތަކުގެ މީހުން މި މައްސަލަ ހުށަހަޅައި ލީޑުކުރަމުންދާއިރު އެހެން ދީންތަކުގެ މީހުންނަކީ އާބާދީގެ 10 ޕަސަންޓު މީހުންނެވެ. އެއީ ހިންދޫންނާއި، ނަސާރާއިން އަދި ބުޑިސްޓުންނެވެ. ބަންގްލަދޭޝްގެ އާބާދީގެ 90 ޕަސަންޓު މީހުންނަކީ މުސްލިމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި މައްސަލައިގެ އަޑުއެހުންތައް ވަރަށް އަވަހަށް ފަށާނެ އެވެ. ބަންގްލަދޭޝްގައި އުޅޭ ހައްދު ފަހަނައަޅާފައިވާ ޖަމާއަތްތަކުން ދަނީ އެހެން ދީންތަކުގެ މީހުންނަށް ހަމަލާތައް ދެމުންނެވެ. އަދި އެޖަމާއަތްތަކުން ހައްދުފަހަނަ އަޅާފައިވާ އައިއެސް ޖަމާއަތާއި ގުޅި ހަނގުރާމައަށް ދާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.

ބަންގްލަދޭޝްގެ ރަސްމީ ދީނަކީ އިސްލާމްދީން ކަމަށް ކަނޑައެޅީ 1988 ވަނަ އަހަރެވެ.