މޯލްޑިވްސް ޕޮލިސް ސާވިސް

ކުޑަކުއްޖަކު ރޭޕްކުރުމުގެ ތުހުމަތު ކުރެވޭ މީހާގެ ބަންދަށް 30 ދުވަސް ދީފި

ރާއްޖޭގެ އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން 30 ދުވަސް ދީފި އެވެ.

މައްސަލައިގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރީ ނ. މިލަދޫ / މީޒާން، އަހްމަދު ވިއާމް (27އ) އެވެ.

ވިއާމް ހައްޔަރުކުރުމަށް ފުލުހުން ކޯޓު އަމުރެއް ހޯދުމާ އެކު އޭނާ ވަނީ ފިލާފަ އެވެ. އޭގެފަހުން ފުލުހުން ވަނީ އޭނާ ހޯދުމަށް ވަނަވަރު އާންމުކޮށް އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.

ވިއާމް ހޯދަން ވަނަވަރު އާންމުކުރީ ސީދާ ކޮން ތުހުމަތެއްގައި ކަމަކަށް ފުލުހުން ބުނެފައެއް ނުވެ އެވެ.

ވިއާމް ފިލުމަށް އެހީތެރިވި 29 އަހަރުގެ ދިވެހި ފިރިހެނަކުވެސް ފުލުހުން އިއްޔެ ހައްޔަރުކުރި އެވެ. މި މީހާގެ ބަންދަށް ކޯޓުން ވަނީ 12 ދުވަސް ދީފަ އެވެ.

ވިއާމްއަށް ކުރާ ތުހުމަތު ހާމަނުކުރި ނަމަވެސް އަވަސްއަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ އިދާރާ އިން ވިއާމްއަށް ކުރަނީ މިދިޔަ އާދިއްތަ ދުވަހު ކުޑަކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތެވެ.

ވިއާމްއަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ މެންބަރަކާ އާއިލީ ގޮތުން ގުޅުމެއް އޮންނަ މީހެއްކަންވެސް އަވަސް ނޫހަށް ކަށަވަރު ކުރެވިފައިވެ އެވެ. އެ އިންތިހާބީ މެންބަރަކީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ މެންބަރެކެވެ.