މޯލްޑިވްސް ޕޮލިސް ސާވިސް

ކުޑަކުދިންގެ ބަރަހަނާ ވީޑިއޯ އާންމުކުރީ ވަނަވަރުވެސް އެނގޭ ގޮތަށް

ބަރަހަނާ ވީޑިއޯ ވިއްކަމުން ދިޔަ "ދި ލީކްސް" އެކައުންޓުގެ ޗެނަލްތަކުގައި ބައެއް ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް އާންމުކޮށްފައިވަނީ އެ ކުދިންގެ ވަނަވަރު އެނގޭ ގޮތަށް ކަމަށް ފުލުހުން ބުނެފި އެވެ.

ދި ލީކްސް އެކައުންޓްގެ ހިންގުމުގެ ފަހަތުގައި ތިބި ތިން މީހުން ކަމަށްވާ ކ. ކާށިދޫ، ސިލިންކޯ، އިސްމާއީލް ޒަބީހް (29އ)، އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު އަލީ (45އ) އަދި ދަފްތަރު ނަންބަރު ރސ. 14751، ކ. މާލެ، ނާސިފް އަލީ (46އ) ހައްޔަރުކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ.

މި ތިން މީހުންވެސް މިވަގުތު ތިބީ ބަންދުގެ މުއްދަތު ޖަހާފައިވާތީ ޖަލު ބަންދުގައެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ފުލުހުންގެ ހެޑް އޮފް ސައިބާ ކްރައިމް ސެންޓަރު، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ސަމީހް ވިދާޅުވީ މި ތިން މީހުން އިސްކޮށް ތިބެ ދި ލީކްސް އެކައުންޓް ތެރެއިން 571 ޗެނަލް ހިންގާފައިވާ ކަމަށެވެ. މީގެތެރެއިން 43 ޗެނަލް ހާއްސަކޮށްފައިވަނީ ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ އާންމުކުރާށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ހެޑް އޮފް އިންވެސްޓިގޭޝަންސް، އިންސްޕެކްޓާ އޮފް ޕޮލިސް އަޒީފް އައްބާސް ވިދާޅުވީ ޓެލެގްރާމު ޗެނަލްތަކުގައި ކުޑަކުދިންގެ ވަނަވަރު އެނގޭ ގޮތަށް ބަރަހަނާ ވީޑިއޯ އާންމުކުރުމަކީ ފުލުހުން ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. ޗެނަލްތަކުގައި ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ މަންޒަރު ހިމެނޭ ފޮޓޯ އާއި ވީޑިއޯ ހުރި ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންގެ ސީސޭމް ކޮންޓެންޓުން ޕޯސްޓް ކޮށްފައިވާކަން. މީގެ އެންމެ ބޮޑު ގެއްލުމަކަށް އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ އެ ކުދިންެ ވަނަވަރު އެނގޭ ގޮތަށް ފޮޓޯތައް ޕޯސްޓް ކޮށްފައިވާކަން،" އަޒީފް ވިދާޅުވި އެވެ.

އަޒީފް ވިދާޅުވި ގޮތުގައި ޗެނަލްތައް ހިންގުމުގެ ކުށުގައި މިހާރު ހައްޔަރުކޮށްފައިވާ ތިން މީހުންގެ ތެރެއިން ކުޑަކުދިންގެ ބަރަހަނާ ވީޑިއޯއާއި ފޮޓޯ ހޯދައި ވިއްކުމުގައި ބޮޑު ދައުރެއް އަދާކޮށްފައިވަނީ ޒުބައިރު އަލީ އެވެ. ޒުބައިރުގެ ފޯނުން ފުލުހުންނަށް ފެނިފައިވާ ހެކިތަކަށް ބަލާއިރު އޭނާ ވަނީ ބައެއް ކުޑަކުދިންނާ އެކު ޖިންސީ އަމަލެއް ހިންގުމަށް މަސައްކަތް ކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އެހެން މީހުންނަށް މި ކަންތައްތައް ކިޔައިދިނުމަށްޓަކައިވެސް ޒުބައިރު އަލީ މަސައްކަތް ކޮށްފައިވާކަން އޭނާގެ ފޯނުން ފާހަގަކުރެވޭ،" އޭނާ ވިދާޅުވި އެވެ.

އަޒީފް ވިދާޅުވީ ޗެނަލްތައް ހިންގުމުގައި އިސްކޮށް ހުރީ ޒަބީހް ކަމަށާއި އޭނާ މި އަމަލު ހިންގާފައިވަނީ ވަރަށް ދުރާލައި އެކަމަށް ތައްޔާރުވެގެން ކަމަށް އެނގޭ ކަމަށެވެ. ޒަބީރުގެ ފޯނުން ފުލުހުންނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު ފުލުހުން އޭނާއާ ގުޅޭގޮތުން ތަހުގީގުކުރަމުންދާ މައްސަލައިގެ އިތުރުން އެހެން ޖިނާއީ ކުށްތައް ހިންގާފައި ހުރިކަން ފާހަގަކުރެވޭ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން ސްކޭމްގެ މައްސަލަތަކުގައި ވެސް އޭނާގެ ބައިވެރިވުމެއް އޮތް ކަމަށް ވިދާޅުވި އެވެ.

ޓެލެގްރާމް ޗެނަލްތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުންގެ ތެރެއިން ފައިސާގެ މުއާމަލާތްތައް ހިންގުމުގައި އިސްކޮށް ހުރީ ނާސިފް ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި އެ ފައިސާ ހޯދަމުން ދިޔަ ގޮތުގެ އަސްލު އޮޅުވާލުމަށް އޭނާ މަސައްކަތް ކޮށްފައިވާ ކަމަށްވެސް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ.

ފުލުހުން ހައްޔަރުކޮށްފައިވާ ތިން މީހުން އަޑީގައި ތިބެގެން ހިންގި 571 ޓެލެގްރާމު ޗެނަލް ހުއްޓުވާފައިވާއިރު މި ޗެނަލްތަކުގައި ހުރި "ކޮންޓެންޓް" ދިރާސާކުރުމަށް ފުލުހުން ވަނީ 640 ގަޑިއިރު ހޭދަކޮށްފަ އެވެ.

ފާހަގަކުރެވޭ ބައެއް ކަންކަން

  • 14 ޑިޖިޓަލް ޑިވައިސް ހޯދާފައިވޭ
  • 9 ޓެލެގްރާމަ އެކައުންޓް ހިމެނޭ
  • 571 ޗެނަލް ހިންގާފައިވެ
  • 27 ގޫގަލް އެކައުންޓް ފެނިފައިވޭ
  • 26 ފޭސްބުކް އެކައުންޓް ބޭނުންކޮށްފައިވޭ
  • 3 ވައިބާ ވަޓްސް އެޕް އެކައުންޓް ބޭނުންކޮށްފައިވޭ
  • 30 ކްލައުޑް ސްޓޯރޭޖެ އެކައުންޓް ބޭނުންކޮށްފައިވޭ
  • ޗެނަލްތަކުގައި 86،618 ބަރަހަނާ ވީޑިއޯ ހުރި
  • ޗެނަލްތަކުގައި 24،1651 ބަރަހަނާ ފޮޓޯ ހުރި
  • ޗެނަލްތަކުގައި 34،680 މީހުން ސަބްސްކްރައިބާސް ގޮތުގައި ތިބި

އަޒީފް އިތުރަށް ވިދާޅުވީ ޓެލެގްރާމު ޗެނަލްތައް ހިންގައިގެން މި ތިން މީހުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށެވެ. ފައިސާގެ ތަފްސީލްތައް ހޯދުމަށް ހާއްސަ އޮޑިޓެއް ހަދަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ބަރަހަނާ ވީޑިއޯ އަދި ފޮޓޯ ވިއްކާ ޗެނަލްތަކުގައި ތިބި ސަބްސްކްރައިބް ކޮށްގެން ތިބި މީހުން ދެނެގަނެ އެމީހުންނަށްވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.