ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ހައިކޯޓު ފަނޑިޔާރުންގެ ހޫނު ރައްދެއް ޕީޖީއަށް

ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި، އެ މައްސަލަ ބައްލަވާ ފަނޑިޔާރުން ކަންތައް ކުރައްވާ ގޮތަކުން، އެ ފަނޑިޔާރަކު "ހަވަރަށް" ދިނުމަކީ ޕްރޮސެކިއުޓާ ޖެނެރަލްއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ބަހުގެ ހޫނު ހަމަލާތަކެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އަމާޒު ކުރައްވައިފި އެވެ.

ރަދީފުގައި ބުނެފައިވާ ގޮތުން، "ހަވަރަށް" ދިނުމުގެ މާނައަކީ ދައުލަތަށް ނުވަތަ ރަދުންނަށް ބޮޑު ކުށެއް ކޮށްފި މީހަކަށް އަދަބު ދިނުމަށްޓަކައި ހާއްސަ ގޮތެއްގައި ހަނގުބޭކަލުން ބޭނުން ކޮންމެ ގޮތެއް އެ މީހާއަށް ހަދައިލުމަށް، ރަދުން އެ މީހަކު އެ ބޭކަލުންނަށް ދިނުމެވެ.

ފަނޑިޔާރު ފައިސަލް ނުރުހުންވެ ވަޑައިގެން އިންނަވާ ޕްރޮސެކިއުޓާ ޖެނަރަލަށް ބަހުގެ ހަމަލާތަކެއް ދެއްވީ ދައުލަތުން މަރުގެ ދައުވާއެއް ކުރާ އދ. މާމިގިލީ، ޝޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހްމަދު ފަތުހީގެ ބަންދު މައްސަލައިގައި ސުޕްރީމް ކޯޓުގެ އެންގުމަކަށް ހައިކޯޓުން އަމަލު ނުކުރި ކަމަށް ބުނެ، ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް ޕީޖީއާ ހަވާލާދީ ނޫސްތަކުގައި ލިޔެފައިވާ ހަބަރުތަކާ ގުޅިގެންނެވެ.

ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު ފައިސަލް ވިދާޅުވީ ފަނޑިޔާރަކު އަމަލުކުރައްވާ ގޮތަކުން އެ ފަނޑިޔާރަކު "ހަވަރަށް" ދިނުމަކީ ޕްރޮސެކިއުޓާ ޖެނަރަލަށް ލިބިގެންވާ ލައިސަންސެއް ނޫން ކަމަށެވެ.

އާދިއްތަ ދުވަހު އޮތް އަޑު އެހުމުގައި ހައިކޯޓުގެ އެންމެ ސީނިއާ އެއް ފަނޑިޔާރު ފައިސަލް ވިދާޅުވީ ފަނޑިޔާރުން ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ކަމަށްވާނަމަ އެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅުއްވި ދާނެ ކަމަށެވެ. އަދި އެކަން ކޮށްގެން ފަރުވާލެއް ނެތް ކަމަށާއި އަދި އެކަން ކުރަން އިއުތިރާޒުވެސް ނުކުރައްވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު ފަނޑިޔާރުން ހަވަރަށް ދިނުމަކީ ޕީޖީ އޮފީހަށް އޮތް ލައިސަންސެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

"ހިނގަމުންދާ މައްސަލައަކަށް ނުފޫޒު ފޯރުވުމަށް ކުރެވޭ ކޮންމެ ކަމަކަށް ކޯޓުން ވެސް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ. އަޅުގަނޑަށް މައްސަލައެއް ނެތް މިއީ ނަސޭހަތެއް ކަމަށް ބެއްޔަސް ނޫނީ އިންޒާރެއް ކަމަށް ބެއްލެވިޔަސް،" ފައިސަލް ވިދާޅުވި އެވެ.

ފަނޑިޔާރުންނާއި ޕީޖީއާ ދެމެދު ނުތަނަވަސް ކަމެއް އުފެދިގެން އުޅޭ މި މައްސަލައިގެ ބެންޗުގެ ރިޔާސަތުގައި އިންނަވާ ފަނޑިޔާރު ފާތިމަތު ފަރުހީޒާ ވަނީ މި މައްސަލަ ހިނގައި ދިޔަ ގޮތް ސާފުކޮށްދެއްވާފަ އެވެ. ފަނޑިޔާރު ވިދާޅުވީ ހައިކޯޓަށް ދައުލަތުން ފޮނުވި ސުޕްރީމް ކޯޓުގެ އަމުރުގައި އޮތީ ހައި ކޯޓުން ގޮތެއް ކަނޑައަޅަންދެން ސައްމާހު ބަންދުގައި ބަހައްޓަން ކަމަށާއި އެ އަމުރުގައި ހަތް ދުވަސް ނެތް ކަމަށެވެ.

"ތިޔަ ބޭފުޅުން މި ކޯޓަށް ފޮނުވި އަމުރުގައި ހަތް ދުވަސް ބަޔާންކޮށްފައެއް ނެތް. ތިޔަ ބޭފުޅުން ދޫކޮށްލައްވާފައި ހެޑްލައިން ހައްދަވާފައި މިލިޔުއްވަނީ ސުޕްރީމް ކޯޓުގެ އަމުރާ ހިލާފަށް މި ކޯޓުން އަމުރު ކުރުމުން ސުލޫކީ މައްސަލަ ހުށަހަޅަން ވިސްނަވާ ވާހަކަ. އެކަމަކު ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި އަމުރުގައި އޮތީ ހައި ކޯޓުން ގޮތެއް ކަނޑައަޅަންދެން ސައްމާހު ރިމާންޑް ޖަލެއްގައި ބަންދުކުރަން އަންގާފައި،" ފަނޑިޔާރު ވިދާޅުވި އެވެ.