އެމްޑީޕީ

އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ނާޒިލް ހޮވައިފި

އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރަކަށް ހިތަދޫ ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ނާޒިލް މިއަދު އިންތިހާބުކޮށްފި އެވެ.

ނާޒިލް މި މަގާމަށް ހޮވުމާ ގުޅިގެން އޭނާ ވާނީ މާދަމާ ހުވާ ކުރާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަށެވެ.

ނާޒިލް އަކީ ނިމިގެން ދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރެވެ. އަދި އޭނާއަކީ ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި އައްޑޫއަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބުގައި ކާމިޔާބު ހޯއްދެވި ދެ ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރުންނަށް ހޮވާފައިވަނީ ދެވަނަ ދައުރަކަށް ހޮވުނު ވައިކަރަދޫ ދާއިރާގެ އިންތިހާބީ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އާއި އަލަށް މަޖިލީހަށް ހޮވުނު މަރަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަހްމަދު ދީދީ އެވެ.

މިއަދު ބޭއްވި މި އިންތިހާބުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ސެކްރެޓަރީ ޖެނެރަލަކަށް ހޮވީ ގަލޮޅު އުތުރު ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަކަށް ހޮވީ މާވަށު ދާއިރާގެ އިންތިހާބީ މެމްބަރު އަހްމަދު ޝާކިރެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ޗީފް ވިޕްގެ މަގާމަށް ތޮއްޑޫ ދާއިރާގެ އިންތިހާބީ މެންބަރު ހުސައިން ސަމީރު އިތުރުދެ ވިޕުންގެ ގޮތުގައި ކެޔޮދޫ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު ނިއުޝާދާއި ކަނޑިތީމު ދާއިރާގެ އިންތިހާބީ މެންބަރު އަމީން ފައިސަލް ވެސް ހޮވި އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި 12 މެންބަރުން ހިމެނެ އެވެ.

މަޖިލީހުގެ ސާފު އަގުލަބިއްޔަތު ޕީއެންސީ އިން ހޯދާފައިވާއިރު އެ ޕާޓީގެ ޕީޖީ ލީޑަރަކަށް ހޮވާފައިވަނީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް އެވެ.