ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒާއި ގުޓަރެސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އދގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓަރެސްއާ ބައްދަލުކުރައްވައިފި އެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ޑރ. މުއިއްޒު ހަވާލުވެވަޑައިގެންނެވި ފަހުން އދގެ ސެކްރެޓަރީ ޖެނަރަލާ ބައްދަލުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ރާއްޖެއަށް ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ މައުލޫމަތު ހިއްސާކުރައްވާފަ އެވެ. އަދި އދއާ އެކު ގާތުން މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ދެ ބޭފުޅުންގެ ފުރަތަމަ ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ އެންޓިގުއާ އެންޑް ބާބުޑާ ގައެވެ. ރައީސް މުއިއްޒާއި ގުޓަރެސް، ބާބުޑާއަށް ވަޑައިގެންނެވީ ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތަށެވެ.

މި މަހާސިންތާ އަކީ ސިޑްސްގެ ގައުމުތަކުގެ ލީޑަރުންނާއި އެކި ދާއިރާތަކުން ގުޅުންހުރި ހުރިހާ ހިއްސާދާރުން އެއްތަނަކަށް އެއްވެ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ދެމެހެއްޓެނިވި، ތަނަވަސް އަދި ވިލުންތެރި މުސްތަގުބަލަކަށް މަސައްކަތް ކުރުމަށް ލިބިފައިވާ މުހިއްމު ފުރުސަތެކެވެ.