އިޒުރޭލުގެ އަސްރިއްޔާއިން އޮކްޓޯބަރު ހަތެއްގައި ޣައްޒާއަށް ދޭން ފެށި އުދުވާނީ ހަމަލަތަކާ ގުޅިގެން ގެދޮރު ގެއްލިފައި ތިބި ފަލަސްތީންގެ އެތައް ހާސް ބަޔަކު ރަފާހްއަށް ވަދެ ބޯހިޔާވަހިކަން ހޯދުމަށް ތިބީ ފޭލިގެ ޖަހައިގެންނެވެ.
ޣައްޒާގެ ރައްޔިތުން މިފަދަ ހާލަތުގައި ތިބި ފޭލިގެތަކަކަށް އިޒުރޭލު ސިފައިން ބޮންއަޅައި، އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތުން، އެތައް ބަޔަކު ވަނީ ދިރިތިއްބައި އަންދާލާފަ އެވެ.
އދގެ ފަރާތުން ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްކޮށް ހުންނެވި މާޓިން ގްރިފިސް ވަނީ ޒަޔަނިސްޓުންގެ މި ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވާފަ އެވެ.
ޣައްޒާއަށް ޖެހިފައި އޮތް ހާލަތަށް ކަންބޮޑުވުން ފާޅުކުރައްވައި އޭނާ ސުވާލުކުރެއްވީ އިޒުރޭލަށް އަދަބެއް ދިނުމަށް ދުނިޔެ އިންކާރުކުރަނީތޯ އެވެ. އިޒުރޭލަށް އަދަބެއް ކަނޑަނޭޅި ތާއަބަދަށް ދޫކޮށްލަންވީތޯވެސް ގްރިފިސް ސުވާލުކުރެއްވި އެވެ.
އެހީދޭ ޖަމިއްޔާތަކުން އަދި ނޫސްވެރިން ބުނާ ގޮތުން ރަފާހް އޮތީ ވަރަށް ބޮޑަށް ތޮއްޖެހިފަ އެވެ. މި ހާލަތުގައި އޮތް ތަނެއްގައި އަނިޔާވެރި އަސްކަރީ އޮޕަރޭޝަންތަކެއް ހިންގުމަކީ އިންސާނެއްގެ ދުލުން ފާޅުކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އެ މީހުން ބުނެ އެވެ.
އިޒުރޭލު ސިފައިން ރަފާހްއަށް ނޭރުމަށް މުޅި ދުނިޔެ ގޮވަމުން ދަނިކޮށް، އދ ފަދަ ދުނިޔެ އެކަތިގަނޑެއްގެ ގޮތުގައި ދެމެެހެއްޓުމަށް ބާރުދޭ ގުނަވަންތަކަށް ގޮންޖަހައި އިޒުރޭލުން ވަނީ ރަފާހްއަށް ވަދެގަނެފަ އެވެ.
ހާމާސްގެ ހަނގުރާމަވެރިން އަތުލައިގަތުމަށް ކަމަށް ބުނެ އިޒުރޭލު ސިފައިން ރަފާހްގައި ވެސް ހަރަކާތްތެރިވަނީ ޣައްޒާގައިވެސް ހަރަކާތްތެރިވި ގޮތަށް ކަމަށް މައުލޫމާތު ލިބެ އެވެ.
ގްރިފިސް ވިދާޅުވި ގޮތުގައި އާންމު ރައްޔިތުންގެ ރައްކާތެރި ކަމަށް ބެލުމެއް ނެތި އިޒުރޭލު ސިފައިން ދަނީ މުޅި ސިޓީއަށް ބިރުދައްކަމުންނެވެ.
އިޒުރޭލުގެ އަސްކަރިއްޔާއިން ކުރިން ބުނި ގޮތުން ރަފާހްގައި އޮޕަރޭޝަންތައް ފެށުމުގެ ކުރިން ރައްކާތެރި ސަރަހައްދުތަކެއް ކަނޑައެޅޭނެ އެވެ. އެކަމަކު މިހާރު ކަންތައްތައް ހިނގަނީ ޔަހޫދީން ކުރިން ބުނި ގޮތަކަށް ނޫނެވެ.
ރަފާހްގައި ރައްކާތެރި ކަމަށް ބުނާ ތަންްތައް އަދިން ވަކިން ނުރައްކާ ކަމަށް ނޫސްވެރިން ބުނެ އެވެ. ޔަހޫދީން މިފަހުން ދިން ގިނަ ހަމަލާތައް ވެސް ދީފައި ވަނީ ރައްކާތެރިކަން ހޯދަން އާންމުން ވަދެތިބި ފޭލިގެތަކަށެވެ.