ރައްޔިތުންގެ މަޖިލިސް

ރައީސްގެ އުއްމީދު: 20 ވަނަ މަޖިލީހަކީ އެންމެ ޒިންމާދާރު މަޖިލީހަށްވުން

ވިހިވަނަ ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި މިހާތަނަށް ދެކޭ އެންމެ ޒިންމާދާރު މަޖިލީހަށް ވުމަކީ ކުރައްވާ އުއްމީދެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރަސްމީ ދަތުރުފުޅެއްގައި މިވަގުތު ރާއްޖެއިން ބޭރުގައި ހުންނަވައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ 20 ވަނަ މަޖިލީހުގެ މެންބަރުން މިއަދު ހުވާކުރެއްވުމާ ގުޅިގެން މެންބަރުންނަށް މަރުހަބާ ވިދާޅުވެފަ އެވެ.

"20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހިތުގެ އިހްލާސްތެރިކަމާ އެކު މުބާރަކްބާދު ދަންނަވަމެވެ." އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ އުއްމީދަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި މިހާތަނަށް ދެކޭ އެންމެ ޒިންމާދާރު، އެންމެ އިތުބާރުހުރި އަދި ގައުމާއި ރައްޔިތުންނަށް އެންމެ މަންފާހުރި ކަންކަން ނިންމާ މަޖިލީހަކަށް 20 ވަނަ މަޖިލިސްވުން ކަމަށެވެ.

މަޖިލިސް ޒިންމާދާރު ތަނަކަށް ވުމަށް ރައީސް މުއިއްޒު އުއްމީދުކުރައްވާއިރު މަޖިލީހުގައި ހިމެނޭ 93 ދާއިރާގެ ތެރެއިން 75 ދާއިރާގެ މެންބަރުންނަކީ ވެރިކަން ކުރާ ޕާޓީ -- ޕީއެންސީގެ މެންބަރުންނެވެ. އަދި އިތުރު ހަތަރު މެންބަރުންނަކީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ނިންމާފައިވާ ހަތަރު މެންބަރުންނެވެ. އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ ގޮތުގައި މަޖިލީހުގައި ތިއްބެވީ 12 މެންބަރުންނެވެ.

ރައީސް މުއިއްޒާއި ޕީއެންސީގެ އިސްވެރިން މީގެކުރިން ވަނީ ޕީއެންސީއަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބުނު ނަމަވެސް އެ އަގުލަބިއްޔަތުގެ ބޭނުން ނާޖާއިޒު ގޮތުގައި ނުހިފާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.