ޖޭއެސްސީ

ޖޭއެސްސީން އުޅުނީ ދީފައި ނެތް ބާރުތަކެއް ނަގައިގެން

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަސައްކަތް ކުރަމުން އަންނަނީ އެ ކޮމިޝަނަށް ގާނޫނުން ދީފައި ނެތް ބާރުތަކެއް ނަގައިގެން ކަމަށް ދޭހަވާ މޭރުމުންކަމަށް ސުޕްރީމް ކޯޓުގެ ހުކުމެއްގައި ފާހަގަކޮށްފި އެވެ.

އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގައި އިދާރީ މުވައްޒަފުންނަށް މަގާމު ދިނުމާއި މަގާމުން ވަކިކުރުމުގެ ކަންތައްތަކަކީ ޖޭއެސްސީއަށް ލިބިފައިވާ ބާރެއް ނޫން ކަމަށް ދޭހަވާ މޭރުމުން ސުޕްރީމް ކޯޓުން ހުކުމް ކުރީ، ކޯޓްތަކުގެ އެޑްމިނިސްޓްރޭޓަރުންތަކެއް މަގާމުން ވަކިކުރި މައްސަލައިގައި. އެ މީހުން މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ކުރި ހުކުމުގައެވެ.

ސުޕްރީމް ކޯޓުގެ މި ހުކުމުގައި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ލިޔުއްވާފައިވާ ރައުޔުގައި ޖުޑީޝަލް ސާވިސް ކޮމިޝަނުން އަމަލު ކުރަމުން ގެންދާ ގޮތް ފާހަގަކުރައްވައި ވިދާޅުވެފައިވަނީ ޝަރުއީ ދާއިރާގެ އިދާރީ މުވައްޒަފުންނަށް މަގާމު ދިނުމާއި މަގާމުން ވަކިކުރުމާއި ފިޔަވަޅު އެޅުންފަދަ ކަންކަން ކުރުމަކީ ޖޭއެސްސީއަށް ލިބިފައިވާ ބާރެއް ނޫން ކަމަށެވެ. އަދި ވަޒީފާގެ މައްސަލަތަކާ ގުޅިގެން ޖޭއެސްސީ އިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ތަމްސީލް ކުރުމަށް ކޯޓުތަކަށް ދިޔުމަކީ އެ ކޮމިޝަނަށް ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ޑރ. އަޒްމިރާލްދާ ޒާހިރުވެސް ތާއީދު ކުރައްވާފައިވާ ރައުޔުގައި ބުނެފައިވެ އެވެ.

ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުން ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރުމުން 10 މީހަކަށް އަލުން އަނބުރާ ވަޒީފާ ހަމަޖއްސައިދީ، ތިން އަހަރެއްހާ ދުވަހުގެ މުސާރަ ދޭން މި ހަފްތާގައި ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވެ އެވެ. މި މައްސަލައިގައި ސުޕްރީމް ކޯޓުގައި އެ މުވައްޒަފުންނާ ދެކޮޅަށް ވާހަކަ ދެއްކީ ޖޭއެސްސީންނެވެ.
\