ދިވެހި ސިނަމާ

"ކަމަނާ" ފިލްމުގެ ނަން ލޯންޗުކޮށްފި

މި އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު އޮލިމްޕަހުގައި އަޅުވަން ހަމަޖެހިފައިވާ ފިލްމު "ކަމަނާ"ގެ ނަން ލޯންޗުކޮށްފި އެވެ.

ފިލްމުގެ ނަން ލޯންޗުކޮށްފައި ވަނީ އިއްޔެ އޮލިމްޕަސްގައި މިކަމަށްޓަކައި ބޭއްވި ހަފްލާއެއްގައެވެ.

މި ފިލްމަކީ ކިޑް ޕްރޮޑަކްޝަންއާއި ސެޓާން ސްޓޫޑިއޯ އިން ހުށަހަޅަައިދޭ ފިލްމެކެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ ޝާނިޒް އަލީ އަދި ހުސައިން މުނައްވަރެވެ.

ރިޝްފާ އަބްދުލްސަމަދުގެ ވާހަކައަކަށް ހަދަމުންދާ "ކަމަނާ" އަށް ސްކްރީންޕްލޭ ލިޔުނީ މަހްދީ އަހްމަދު އެވެ. މުނައްވަރު ވަނީ މީގެ ކުރިން މަހުދީގެ ސްކްރީން ޕްލޭއަކަށް ތިން ފިލްމެއް ޑައިރެކްޓްވެސް ކޮށްފަ އެވެ.

ފިލްމު ފެށެނީ ހއ. މޮޅަދޫއަށް ނިސްބަތްވާ ދެމަފިރިންނަށް ދަރިއަކު ލިބެން އުޅޭކަމުގެ އުފާވެރި ހަބަރުންނެވެ. ނަމަވެސް މިފިލްމުން ފެނިގެންދާ ދެމަފިރިން -- ރިމްޝާ އާއި ހައިދަރުގެ މުޅި ދިރިއުޅުމަށް ބިރުވެރިކަމާއި ހިތާމަވެރިކަން ފަހުން ވެރިވެގެންދެ އެވެ.

އަންބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަތައް އޮތް ހާލަތު މި ފިލްމުގައި ވަރަށް ރަނގަޅަށް ފެނިގެންދާނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެ އެވެ.

މި ފިލްމުގައި ފެނިގެންދާ ރިމްޝާގެ ރޯލު ކުޅުމަށް އައްޒަ ވަނީ ދުރާލާ އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. މިފިލްމުގައި ހައިދަރުގެ ރޯލު އަދާކޮށްފައިވަނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. މިއީ އައްޒައާއި ޔޫއްޕެ އެއްކޮށް ފިލްމެއްގައި ލީޑް ރޯލް ކުޅޭ ފުރަތަމަ ފިލްމެވެ.

ކަމަނާ ފިލްމުގައި ހިމެނޭ އިތުރު ތަރިންގެ ތެރޭގައި އާޝާއާއި، މުހައްމަދު ރަޝީދު (ދަރާ)، މުހައްމަދު މަނިކު އަދި ނަތާ ފަދަ ތަރިން ހިމެނެ އެވެ.