މޯލްޑިވްސް އިމިގްރޭޝަން

އިމިގްރޭޝަންގެ އަންހެން އޮފިސަރުން ފުރަތަމަ ފަހަރަށް ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފި

މޯލްޑިވްސް އިމިގްރޭޝަންގެ އަންހެން އޮފިސަރުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފުރަތަަމަ ފަހަރަށް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފި އެވެ.

މާލެ އާއި ހުޅުމާލޭގައި މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހު އެވެ. މި އޮޕަރޭޝަންގައި މުޅިންވެސް ބައިވެރިވީ އިމިގްރޭޝަންގެ އަންހެން އޮފިސަރުންނެވެ.

"މިއީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދުގެ އިރުޝާދާ އެއްގޮތަށް، އިމިގްރޭޝަންގެ ދިގު ތާރީހުގައިވެސް ހަމައެކަނި އަންހެން އޮފިސަރުން ހިމަނައިގެން ކުރިއަށް ގެންދެވުނު ފުރަތަމަ ރެއިޑް އޮޕަރޭޝަނެވެ." އިމިގްރޭޝަނުން ނެރުނު ބަޔާނުގައިވެ އެވެ.

އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަންގައި މާލެ އިން އަށެއް އަދި ހުޅުމާލެ އިން ހަ ބިދޭސީ އަންހެނަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ ސައްހަ ވިސާއެއް ނެތް ބިދޭސީންނާއި މަސައްކަތް ކުރުމަށް ހުއްދަ ހޯދާފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތް ކުރަމުން ދިޔަ މީހުން ކަމަށްވެސް ބުންޏެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށާއި އެ މީހުންގެ މައްސަލަތައް ހައްލުކުރުމަށް މިސަރުކާރުގައި އުފައްދާފައިވާ ޓާސްކް ފޯސް ކޮމިޓީން މިހާތަނަށް 33 އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި މި އޮޕަރޭޝަންތަކުގައި އަތުލައިގަނެވުނު މީހުންގެ ތެރެއިން 1،700 އަށް ވުރެ ގިނަ ބިދޭސީން ރާއްޖެއިން ފޮނުވާލާފައިވާ ކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތު ދީފައިވެ އެވެ.