އިޒްރޭލުގެ ޕާސްޕޯޓްގައި ރާއްޖެއަށް އެއްވެސް މީހަކު އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ހިމެނޭ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމު އެވެ.
މިއީ އެމްޑީޕީން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަަހެޅި ފުރަތަމަ މައްސަލަ އެވެ.
މީކާއިލް އިސްލާހު ހުށަހެޅީ އިމިގްރޭޝަން ގާނޫނުގެ އަށްވަނަ މާއްދާ އަށެވެ. އެއީ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުން ކަނޑައެޅުމުގެ މާއްދާ އެވެ.
ގާނޫނުގެ އަށްވަނަ މާއްދާއަށް އަށްވަނަ އަކުރުގެ ގޮތުގައި ހުށަހެޅި އިސްލާހުގައި ވަނީ އިޒްރޭލުގެ ޕާސްޕޯޓް ގެންގުޅޭ މީހުން ރާއްޖެ އެތެރެވުން މަނާ ކުރުމަށެވެ. މީގެތެރޭގައި އިޒްރޭލުގެ ޕާސްޕޯޓާ އެކު އެހެން ގައުމެއްގެ ޕާސްޕޯޓް ގެންގުޅޭ މީހުންވެސް ހިމެނެ އެވެ.
ބިލް ހުށަހެޅި މަގުސަދު ތެރޭގައި ހިމެނެނީ އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންގެންދާ ގަތުލުއާންމާ ދެކޮޅަށް ރާއްޖެއިން ފިޔަވަ އެޅުމާއި އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް މަޖިލީހުން ގަރާރެއް ފާސްކުރުމުންވެސް މިހާތަނަށް އެ ގަރާރަށް އަމަލުކޮށްފައިނުވާތީ ގާނޫނަށް އިސްލާހު ގެނެސްގެން އެކަން ކުރުމެވެ.
އިޒްރޭލުގެ ޕާސްޕޯޓް ގެންގުޅޭ މީހުން ރާއްޖެ އެތެރެވުން މަނާކުރުމަށް ސަރުކާރަށް ގޮވާލާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ދައުރުގައި އެމްޑީޕީން މަޖިލީހަށް ހުށަހެޅި ގަރާރެއްވެސް މަޖިލީހުން ފާސްކޮށްފައިވެ އެވެ.
މަޖިލީހުން ފާސްކުރާ ގަރާރުތަކަކީ ސަރުކާރުން އެ ގަރާރަކަށް އަމަލުކުރުން ލާޒިމުކުރާ ގަރާރުތަކަކަށް ނުވާތީ އަދި މިހާތަނަށް އިޒްރޭލުގެ ޕާސްޕޯޓް ދިވެހި ސަރުކާރުން މަނާކޮށްފައެއް ނުވެ އެވެ.