ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންޓިގާ ބާބުޑާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
މި މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް ބާބުޑާއަށް ރައީސް ފުރާވަޑައިގެންނެވީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު އެވެ.
ރައީސް މުއިއްޒު މިއަދު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އިތުރުން ބައެއް ވަޒީރުންނެވެ.
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހަތަރުވަނަ ބައިނަލްއަގްވާމީ މަހާސިންތާ -- ސިޑްސްގެ މުހިއްމު ބައެއް ސެޝަންތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގައިވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންފައިވެ އެވެ.
މަހާސިންތާގައި ރައީސް ވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ވައުދުވެފައިވާ ގޮތަށް ކަންކަން ކުރިއަށް ގެންގޮސްދިނުމަށް އެދިވަޑައިގެންފަ އެވެ.
ރައީސް ވަނީ ފަލަސްތީންގެ ރައްޔިތުންނާއި ދެކޮޅަށް އިޒުރޭލުން ހިންގާ އަނިޔާވެރި އުދުވާނުތައް ކުށްވެރިކުރައްވައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުން ފަލަސްތީންގެ ރައްޔިތުންނާއެކު ތިބުމަށް ގޮވާލައްވާފަ އެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވަނީ މި މަހާސިންތާގެ އެކި ބަހުސްތަކާއި ގިނަ ސައިޑްލައިން އިވެންޓްތަކުގައި ބައިވެރިވެވަޑައިގެން އަދި ބައެއް ގައުމުތަކާއި ބައިނަލްއަގްވާމީ އެކިއެކި ޖަމިއްޔާ ޖަމާއަތްތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަތީ ފަންތީގެ ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ.
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހަތަރުވަނަ ބައިނަލްއަގްވާމީ މަހާސިންތާގައި އެ ގައުމުތަކުގެ ހައްގުގައި ރައީސް ވަކާލާތުކުރެއްވި އެވެ. އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ހާއްސަކޮށް ކުރިމަތިވާ ބައެއް ގޮންޖެހުންތައް އަލިއަޅުވާލައްވައި އެކަންކަމުން އަރައިގަތުމުގެ ގޮތުން ގެނެވިދާނެ ބައެއް ހައްލުތަކަށްވެސް މި މިމަހާސިންތާގައި ރައީސް ވަނީ ވާހަކަދައްކަވާފަ އެވެ.