ކެބިނެޓް

އިޒުރޭލުގެ ޕާސްޕޯޓް މަނާކުރަން ގާނޫނު އިސްލާހުކުރަނީ

އިޒުރޭލުގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ކަމާ ގުޅޭ ގާނޫނުތައް އިސްލާހުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިގޮތަށް ނިންމެވިކަން އިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާނެވެ.

އިޒުރޭލުގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރަން ސަރުކާރުން ނިންމީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގައި ވަޒީރުން މަޝްވަރާކުރެއްވުމަށްފަހު އެކަން ކުރުމަށް ރައީސް މުއިއްޒު ލަފާ ދެއްވުމާ ގުޅިގެންނެވެ.

އިޒުރޭލުގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ކަމާ ގުޅޭ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލެއްވުމަށްވެސް މިއަދު ނިންމަވާފައިވެ އެވެ.

މީގެ އިތުރުން ފަލަސްތީނާއި އިޒުރޭލުގެ މައްސަލައިގައި، ރާއްޖެއިން އިސްކަންދިނުމަށާއި ފަލަސްތީނުން އެދޭ ކަންކަން ދެނެގަނެ އެކަންކަން ކޮށްދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީއެއް ކަނޑައެޅުއްވުމަށްވެސް މިއަދު ނިންމަވާފައިވެ އެވެ. އަދި ޔޫއެން ރިލީފް އެންޑް ވޯކްސް އެޖެންސީ މެދުވެރިކޮށް ފަލަސްތީންގައި ހާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ނިންމެވުމާއި "ފަލަސްތީނާއިއެކު ދިވެހިން" މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވެވުމަށްވެސް ވަނީ ނިންމަވާފަ އެވެ.

އިޒުރޭލުގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ކަމާ ގުޅޭ ގާނޫނުތައް އިސްލާހުކުރުމަށް ސަރުކާރުން ނިންމާފައިވަނީ އިޒުރޭލުގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މީކާއިލް ނަސީމު އިމިގްރޭޝަން ގާނޫނަށް އިސްލާހު ހުށަހަޅާފައި ވަނިކޮށެވެ.