ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ މަގުސަދުގައި ފަސް ދާއިރާއަކުން އެވޯޑް ދިނުމަށްޓަކައި އުސޫލެއް އެކުލަވާލާ އާންމުކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއެވޯޑު ދިނުމުގެ ބޭނުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ކޯޑް އޮފް ކޯޕަރޭޓް ގަވާނަންސްގެ އުސޫލުތަކާއި އެއްގޮތަށް ހިންގާ ކުންފުނިތަކެއް ކަން ކަށަވަރުކުރުމާއި، ރަނގަޅަށް މަސައްކަތް ކުރާ ކުންފުނިތައް ފާހަގަކޮށް ހިތްވަރު ދިނުމާއި އަގުވަޒަން ކުރުމެވެ.
އެވޯޑް ދޭ ފަސް ދާއިރާ
- އައުޓް ސްޓޭންޑިން ޕްރޮގްރެސް
- އައުޓްސްޓޭންޑިން ބޯޑް ޗެއާމަން
- އެކްސެލެންސް އިން ގަވާނަންސް
- އައުޓްސްޓޭންޑިން ކޮމްޕެނީ ސެކްރެޓަރީ
- އައުޓްސްޓޭންޑިން މެނޭޖިން ޑިރެކްޓަރު
ޕީސީބީ އިން ނިންމާފައިވަނީ އުސޫލަށް އަމަލުކުރަން ފަށާތާ އެއް އަހަރު ފަހުން ތިން ދާއިރާ އަކުން އެވޯޑް ދިނުމަށެވެ. އެއީ އައުޓްސްޓޭންޑިން ބޯޑް ޗެއާމަން، އައުޓްސްޓޭންޑިން ކޮމްޕެނީ ސެކްރެޓަރީ އަދި އައުޓްސްޓޭންޑިން މެނޭޖިން ޑިރެކްޓަރު އެވެ.
އެވޯޑަށް ނޮމިނޭޓް ވާނީ "ކޯޑް އޮފް ކޯޕަރޭޓް ގަވާނަންސް ފޯ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް" އަށް އަމަލުކުރަންޖެހޭ ސީއެމްޑީއޭގައި ލިސްޓްކޮށްފައި ނުވާ ސަރުކާރު ހިއްސާވާ ކުންފުނިތަކެވެ. އަދި ޕީސީބީ އިން އެއްވެސް ފިޔަވަޅެއް އަޅާފައިވާ އެއްވެސް ފަރާތަކަށާއި އަހަރީ އާންމު ޖަލްސާ ބާއްވާފައި ނުވާ ކުންފުނިތައް މި އެވޯޑަށް ނޮމިނޭޓް ކުރުމަށް ހަމަޖެހިފައެއް ނުވެ އެވެ.
މި އެވޯޑް ލިބޭ ފަރާތްތައް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ކޯޕަރޭޓް ގަވާނަންސް އެވޯޑު ކޮމިޓީގެ ނަމުގައި އެކުލަވާލާ ކޮމިޓީ އަކުންނެވެ.