އިންސްޓިޓިއުޓް އޮފް ޗާޓެޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް)

ސީއޭ މޯލްޑިވްސްގެ ފުރަތަމަ ކައުންސިލް އިންތިހާބު ޖުލައި 10 ގައި

އިންސްޓިޓިއުޓް އޮފް ޗާޓެޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް)ގައި ފުރަތަމަ ކައުންސިލް އިންތިހާބު ޖުލައި މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ސީއޭ މޯލްޑިވްސް އަކީ 2020 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް ސޯލިހުގެ ވެރިކަމުގައި ރާއްޖޭގެ އެކައުންޓިން ދާއިރާ ރެގިއުލޭޓް ކުރުމަށްޓަކައި އެކުލަވާލި ބިލެއް ނިމިދިޔަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފާސްކޮށްގެން އުފައްދާފައިވާ ކައުންސިލެވެ.

މިއީ ރާއްޖޭގައި އެކައުންޓިން ދާއިރާ ރެގިއުލޭޓް ކުުރުމަށް މިފަދަ ކައުންސިލެއް އުފެއްދެވި ފުރަތަމަ ފަހަރެވެ.

ސީއޭ މޯލްޑިވްސްގެ ފުރަތަމަ އިންތިހާބުގައި އެ ކައުންސިލްގެ ރައީސް، ނައިބް ރައީސް އަދި އާންމު 4 މެމްބަރުން ހޮވާނެ އެވެ.

މި އިންތިހާބުގައި ހޮވާ މަގާމުތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ފުރުސަތު ހުޅުވާލަފައިވަނީ އަށްވަނަ ދުވަހުގެ މެންދުރުފަހު 3:00 ޖެހުމާ ހަމައަށެވެ.

އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން ފުރިހަމަ ވާންޖެހޭ ޝަރުތުތަކަކީ އިންސްޓިޓިއުޓްގެ މެމްބަރަކަށް ވުމާއި ދިވެހި ރައްޔިތަކަށްވުމެވެ.

އެކައުންޓިންގެ ޕްރޮފެޝަން އަކީ އިންސާފާއި، ނަޒާހަތްތެރިކަމާއެކު މަސައްކަތްކުރާ ޕްރޮފެޝަންއެއްކަން މި އިންތިހާބުގެ ތެރެއިން އެނގިގެން ދާނެ ކަމަށާއި އަދި މި ކައުންސިލް ތަރައްގީ ކުރާނެ ކަމަށްވެސް އިންސްޓިޓިއުޝަނުން ބުނެފައިވެ އެވެ.