އިންސްޓިޓިއުޓް އޮފް ޗާޓެޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް)

މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ފެށިގެން ކުރިއަށް

އިންސްޓްޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2024 ފެށިގެން ކުރިއަށް އެބަދެ އެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އޮޑިޓޯރިއަމްގައި އިއްޔެ ފެށި މި ފޯރަމް މިއަދުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ރާއްޖޭގައި އެކައުންޓިން ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންނަށް ހާއްސަކޮށްގެން ބާއްވާ މި ފޯރަމް ފެށީ 300 އަށްވުރެ ގިނަ ބައިވެރިންނާއެކުގަ އެވެ.

މި ފޯރަމް އިފްތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

ފޯރަމްގެ މި އަހަރުގެ ޝިއާރަކީ ލީޑިންގް އިން ދި އޭޖް އޮފް އޭއައި އެންޑް އީއެސްޖީ; އިނޮވޭޓް، އިންޓަގްރޭޓް، އިންސްޕަޔާ އެވެ.

ފޯރަމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ތިމާވެށި، އިޖުތިމާޢީ އަދި ހިންގުމުގެ މިންގަނޑުތައް (އީއެސްޖީ)އާ ގުޅޭ ކަންކަމަށެވެ.

މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް އަކީ އެކައުންޓިން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ތަމްރީންކޮށް އެކައުންޓިން ޕްރޮފެޝަން ކުރިއެރުވުމުގެ މަގުސަދުގައި ބާއްވަމުން އަންނަ މަހާސިންތާއެކެވެ.

މި ފޯރަމްގައި ބައިވެރިންގެ ތެރެއިން ސަރުކާރުގެ މިނިސްޓްރީތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ އެކައުންޓިން އަދި އޮޑިޓިން ޑިޕާޓްމަންޓްތަކުގައި ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ހިމެނެއެވެ.