ރައްޔިތުންގެ މަޖިލިސް

ތިން މަސް ތެރޭގައި ގޯތި ދޭން ލާޒިމުކުރި ބިލް މަޖިލީހުން ބޭރުކޮށްލައިފި

ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ މީހުންގެ ލިސްޓް އާންމުކުރާތާ ތިން މަސް ތެރޭގައި އެ ގޯތި ހަވާލުކުރަންޖެހޭ ގޮތަށް ބިމާބެހޭ ގާނޫނަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގެ ބިލް 20 ވަނަ ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.

ބިމާބެހޭ ގާނޫނަށް ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ތަސްދީގު ނުކުރައްވާ އެ އިސްލާހާ މެދު އަލުން ވިސްނުމަށް އެދިވަޑައިގެން އެ އިސްލާހުގެ ބިލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވީ މިދިޔަ މަހު އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިމާބެހޭ ގާނޫނަށް ނުވަ ވަނަ އިސްލާހު ގެނައުމުގެ ބިލާމެދު އަލުން ވިސްނެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައިގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އެ ބިލް އަނބުރާ ކޮމިޓީއަށް ފޮނުވަން ފެންނަ ކަމަށް 12 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް ވޯޓު ދެއްވީ 75 މެންބަރުންނެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރު އިންނެވި އެވެ.

ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އެއްވެސް ބަދަލެއް ނުގެނެސް މަޖިލީހުން ފާސްކުރަން ފެންނަ ކަމަށް 12 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 76 މެންބަރުން ވޯޓު ދެއްވި އެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރު އިންނެވި އެވެ.

ބަންޑާރަ ގޯތި ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަންޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މީކާއިލް ނަސީމު އެވެ.

މި އިސްލާހު 19 ވަނަ މަޖިލީހުން ފާސްކުރީ ނިމިގެން ދިޔައީ އޭޕްރީލް 29 ވަނަ ދުވަހު އެވެ.