ކްރިމިނަލް ކޯޓް

ބަނގުރާ ގެންގުޅެގެން ކުރި ޖޫރިމަނާ ނުދެއްކުމުން އަލުން ޖަލަށް

މާލޭގައި ބަނގުރާ ގެންގުޅުނު މައްސަލައެއްގައި ކުށް ސާބިތުވީ މީހެއްގެ އަދަބު ލުއިކޮށްދީ ދައުލަތަށް ދައްކަން ހުކުމް ކުރި ޖޫރިމަނާ ފައިސާ ނުދައްކައިގެން އެ މީހާ އަލުން ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މިއީ، 2023 ވަނަ އަހަރުގެ ކުރީކޮޅު މާލޭގައި ބަނގުރާ ގެންގުޅެނިކޮށް އަތުލައިގަތް އުމުރުން މިހާރު 28 އަހަރުގެ މީހެއްގެ މައްސަލަ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ފަހުކޮޅު، އެއްރޭ، އޭނާ އިތުރު މީހަކާއެކު ބޭންކް އޮފް ސިލޯން ކައިރިއަށް ކައިރިކުރި ލޯންޗަކުން ބަނގުރާ ބާލައިގެން މާލެހިޔާ ކައިރިއަށް ގޮސް ހުއްޓާ ފުލުހުން އޭނާ ހުއްޓުވައި ބަލައި ފާސްކުރުމަށް ފަހު ހައްޔަރު ކުރި އެވެ. އެކަމަކު ޖެހިގެން އައި ދުވަހު ކޯޓަށް ހާޒިރު ކުރުމުން އޭނާ ދޫކޮށްލީ ޝަރުތު ކުރުމަށް ފަހު އެވެ.

އެ މައްސަލައިގައި ފަހުން ދައުލަތުން އެ މީހާއާ ދެކޮޅަށް ދައުވާކޮށް، އޭނާގެ އިއުތިރާފުން މައްސަލަ ސާބިތުވެ، ހުކުމް ކުރި އެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މި މައްސަލައިގައި އޭނާގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކުރި އެވެ. އެހެންނަމަވެސް ކުށް ސާބިތުވީ މީހާ އެދިގެން އަދި ދައުލަތުންވެސް އިއުތިރާޒު ނުކުރާތީ އެ އަދަބު ލުއިކޮށްދިނީ 14،400 ރުފިޔާގެ ޖޫރިމަނާ އަދަބަކަށެވެ. އޭރު ކޯޓުގައި އެ މީހާ ބުނީވެސް އޭނާއަށް ޖޫރިމަނާ ފައިސާ ދެއްކޭނެ ކަމަށެވެ. އޭނާ އެހެން ބުނުމުން، ހުކުމް ކުރީ އަދަބު ލުއިކޮށް ދެ މަސް ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކާ ހަލާސް ކުރާށެވެ.

އެހެންނަމަވެސް މިއަދާ ހަމައަށްވެސް އެ ފައިސާ އޭނާ ދައްކާފައެއް ނުވެ އެވެ. ފައިސާ ދައްކަން ހުކުމްގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވީއިރުވެސް ފައިސާ ދައްކާފައިނުވާތީ، މި އަހަރުގެ ޖެނުއަރީ މަހު ދައުލަތުން އަލުން އެ މައްސަލަ ހުށަހެޅީ އަދަބު މުރާޖައާކޮށްދިނުމަށް އެދި އެވެ.

އަލުން މައްސަލަ ހުށަހެޅުމުން އޭނާ ކޯޓުގައި ބުނީ ވަޒީފާއިން ވަކިކުރުމުން ފައިސާ ނުދެއްކުނީ ކަމަށެވެ. އަދި މިހާރު އަލުން ވަޒީފާގައި އުޅޭތީ ފައިސާ ދެއްކޭނެ ކަމަށްވެސް ފަހުން ކޯޓުގައި ބުންޏެވެ. އަލުން ފައިސާ ދެއްކުމަށް ފުރުސަތަކަށް އެދުނު ނަމަވެސް ކޯޓުން ނިންމީ، އޭނާގެ މައްޗަށް ކުރިން ކޮށްފައިވާ ހުކުމް ތަންފީޒު ކުރާށެވެ. އެހެންކަމުން ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަން ޖެހޭ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ކަނޑައަޅާފައިވެ އެވެ.