ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވިކްޓިމް ސަޕޯޓް ނިއުސްލެޓާ "ނިޔާވެހި" މިއަދު އިފްތިތާހްކޮށްފި އެވެ.
ޕީޖީ އޮފީހުން ބުނީ ގޮތުގައި އެ އޮފީހުން މިއަދު ނެރެން ފެށި ދެވަނަ ނިއުސްލެޓާ އަކީ އިޖުތިމާއީ ހިދުމަތުގައި މަސައްކަތް ކުރާ ފަންނީ މީހުންނަށް އަމާޒުކޮށް ކޮންމެ މަހަކު އެއްފަހަރު ނެރޭ ގޮތަށް ނެރެންފެށި ނިއުސްލެޓާ އެކެވެ.
ވިކްޓިމް ސަޕޯޓަށް ހާއްސަކޮށް ނިއުސްލެޓާއެއް ނެރެންފެށި މަގުސަދަކީ ޖިނާއީ އަދުލުގެ ނިޒާމާއި، ކުޑަކުދިންގެ އަދުލުގެ ނިޒާމަށް އަންނަ ބަދަލުތައް ދާއިރާގެ ފަންނީ މީހުންނަށް ދުވަހުން ދުވަހަށް ފެންނާނެ ގޮތް ހެދުން ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެ އެވެ. އެގޮތުން ވިކްޓިމުން ހިމެނޭ މައްސަލަތަކުގައި އަމަލުކުރާ އުސޫލުތަކަށް އަންނަ ބަދަލުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކުން ކަނޑައެޅޭ އުސޫލުތަކާއި، އެ ކަހަލަ މައްސަލަތަކުގައި ޕީޖީ އޮފީހުން އަމަލުކުރާ އުސޫލުތަކަށް އަންނަ ބަދަލުތައްވެސް މި ނިއުސްލެޓާގައި ހިމަނާނެ ކަމަށް ބުންޏެވެ.
ވިކްޓިމް ސަޕޯޓް ދާއިރާއަކީ، އިޖުތިމާއީ ހިދުމަތްތެރިންގެ ދާއިރާއާއި، ޖިނާއީ އަދުލުގެ ނިޒާމާއި، ކުޑަކުދިންގެ އަދުލުގެ ނިޒާމާއި، ގާނޫނީ ނިޒާމާ ގުޅޭ ހިސާބެއްގައި މަސައްކަތްކުރައްވާ ފަންނީ މީހުން ހިމެނޭ ދާއިރާ އެކެވެ.
ޕީޖީ އޮފީހުން ބުނީ އެ އޮފީހުގެ އަމާޒަކީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި ވިކްޓިމް ސަޕޯޓް ދާއިރާގައި މަސައްކަތްކުރާ ފަންނީ މީހުންނަކީ، މި ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ހިދުމަތެއްދޭ ބަޔަކަށް ހެދުން ކަމަށެވެ. އެކަން ކުރުމަށްޓަކައި މި ދާއިރާއަށް އަންނަ ބަދަލުތަކަށް ފަންނީ މީހުން އަހުލުވެރިވެފައި ތިބުން ކޮންމެހެން ބޭނުންތެރި ކަމަށްވެސް ބުންޏެވެ.
"މިސާލަކަށް، ކުޑަކުދިން އަދުލުގެ ނިޒާމާ ގުޅޭ މުހިއްމު ގަވާއިދެއް އަލަށް އެކުލަވާލައިފިނަމަ ނުވަތަ ސުޕްރީމް ކޯޓުގެ ނިންމެވުމަކުން މިހާރު އަމަލުކުރަމުންދާ އުސޫލަކަށް ބަދަލު ގެންނަވައިފިނަމަ، އެކަމެއްގެ މައުލޫމާތު، މިދާއިރާގައި މަސައްކަތްކުރާ އެންމެންނަށް އެއް ގޮތަކަށް ލިބިފައި އޮތުމަކީ މުހިއްމު ކަމެކެވެ. އެއީ ވިކްޓިމަށް އިންސާފު ހޯދައިދިނުމަށް، އެންމެން އެއް އަމާޒަކަށް މަސައްކަތްކުރަން ޖެހޭނެތީ އެވެ،" ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން އިތުރުން ބުނީ މި ދާއިރާގެ ކަންކަމާބެހޭ މައުލޫމާތު ހިމެނޭ ރަސްމީ ނިއުސްލެޓައެއް ނުވަތަ އެނޫންވެސް ޕަބްލިކޭޝަނެއް މިވަގުތަކު ނެތް ކަމަށެވެ. މިއީ މި މަސައްކަތް ކުރައްވާ މީހުންނަށް އޮތް ހުސްކަމެއް ކަމަށްވެސް ބުންޏެވެ.
"ނިޔާވެހި ނިއުސްލެޓާ އަކީ މި ހުސްކަން ފިލުވުމަށް ޕްރޮސެކިއުޓާ ޖެނެރަލް އަލްއުސްތާޒު ހުސައިން ޝަމީމުގެ އިސްނެންގެވުމަކަށް ކުރާ މަސައްކަތެކެވެ. މި ނިއުސްލެޓާގައި ލިޔުމުގެ ފުރުސަތު މި ދާއިރާގެ ފަންނީ ބޭފުޅުންނަށް ވަނީ ހުޅުވާލެވިފަ އެވެ." ޕީޖީ އޮފީހުން ބުންޏެވެ.