ބްލެކްމެއިލް ކުރުން

ރަހީނުކުރި ދެމަފިރިންގެ ތެރެއިން އަންހެން މީހާއަށް އިތުރު ތުހުމަތުތަކެއް

މީހަކު ރަހީނުކޮށް، އަނިޔާކޮށްގެން ފޭރުނު މައްސަލައެއްގައި މިދިޔަ މަހު ފަހުކޮޅު ހައްޔަރުކުރި ދެމަފިރިންގެ ތެރެއިން އަންހެން މީހާގެ މައްޗަށް އިތުރު ތުހުމަތުތަކެއް ފުލުހުން ކޮށްފި އެވެ.

ރަހީނުކުރުމުގެ ކުށުގައި ހައްޔަރު ކުރި ދެމަފިރިންނަކީ، ފ. ނިލަންދޫ ޕާމްސައިޑް ޒުނައިރާ އިބްރާހިމް އަދި އޭނާގެ ފިރިމީހާ، ފ. ނިލަންދޫ ޝަބްނަމީގެ އަބްދުﷲ އިބްރާހީމް އެވެ.

މީގެ ތެރެއިން އަންހެން މީހާ އަކީ 39 އަހަރުގެ މީހެކެވެ. ފިރިހެން މީހާއަކީ 40 އަހަރުގެ މީހެކެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު މުއްދަތު ޖެހި މި ދެމަފިރިންގެ ތެރެއިން ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު، އަންހެން މީހާގެ ބަންދަށް އޭރު ޖެހީ 10 ދުވަހެވެ. އެ 10 ދުވަސް ހަމަވެގެން މިއަދު އަނެއްކާ އޭނާ ކޯޓަށް ގެންގޮސްފައިވާއިރު މިއަދު ވަނީ އަންހެން މީހާ އިތުރު 15 ދުވަހު ބަންދުކޮށްފައި ބަހައްޓަން އަމުރުކޮށްފަ އެވެ.

މި ދެމަފިރިންގެ މައްޗަށް ފުލުހުން އެންމެ ފުރަތަމަ ކުރި ތުހުމަތަކީ ރަހީނު ކުރުމާއި، ބްލެކްމެއިލް ކުރުން އަދި ފޭރުމުގެ ތުހުމަތެވެ. އެކަމަކު މިއަދު އަންހެން މީހާގެ ބަންދު މުއްދަތު އިތުރު ކުރިއިރު އޭނާގެ މައްޗަށް ބިރު ދެއްކުމާއި، އޮރިޔާން ކާޑު އުފެއްދުމުގެ ތުހުމަތުވެސް ކޮށްފައިވެ އެވެ. މިއީ ކުރިން ފުލުހުން އަންހެން މީހާގެ މައްޗަށް ކޮށްފައިވާ ތުހުމަތެއް ނޫނެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އަންހެން މީހާ ހައްޔަރުކޮށްފައިވަނީ މީހަކު ރަހީނު ކޮށްގެން ގެންގުޅުނު ހ. ހޯގުޅާމަންޒިލް ގެއިންނެވެ.

ފުރަތަމަ ބަންދު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރު ކޮށްފައިވަނީ މީހަކު ރަހީނުކޮށްގެން އުޅޭތީ، ފުލުހުން އެ ގެއަށް ދިއުމުން އެ ގޭގެ ފްލޯއަކުން ފޭބި ވަގުތު އެވެ. މައްސަލާގައި ހިމެނޭ ފިރިހެން މީހާވެސް ހައްޔަރު ކޮށްފައިވަނީ ރަހީނު ކުރުމުގައި އޭނާ ޝާމިލްވާ ކަމަށް ފުލުހުންނަށް ދެއްކުމުން އެ ގެ ކައިރިން ކަމަށް ބަންދު އަމުރުގައި ބުނެފައިވެ އެވެ.

މި ދެމަފިރިންގެ ތެރެއިން ފިރިހެން މީހާގެ ކުށުގެ ރެކޯޑް މީގެ ކުރިން ހުރި ނަމަވެސް އަންހެން މީހާގެ ރެކޯޑެއް އޮތް ކަމެއް ނޭނގެ އެވެ.

މި ފަހުން މާލެ ސަރަހައްދުގައި ބްލެކްމެއިލް ކުރުމާއި ރަހީނުކުރުން ފަދަ ކުށްތައް އަންނަނީ ގިނަވަމުންނެވެ.