ބްލެކްމެއިލް ކުރުން

މަންމައާ ބައްޕަ ހައްޖުގައި، އަންހެން ދަރި ބްލެކްމެއިލް މައްސަލައިގައި ހައްޔަރުކޮށްފައި

މީހަކު ރަހީނުކޮށް، އަނިޔާކޮށްގެން ފޭރުނު މައްސަލައެއްގައި މިދިޔަ މަހު ފަހުކޮޅު ހައްޔަރުކުރި ދެމަފިރިންގެ ތެރެއިން އަންހެން މީހާގެ މަންމައާއި ބައްޕަވީ ހައްޖުގެ މަތިވެރި އަޅުކަމަށް މައްކާގައި ކަން އެނގިއްޖެ އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމަފިރިންނަކީ މެދުރާއްޖެތެރޭގެ ރަށަކަށް ނިސްބަތްވާ ދެ މީހުންނެވެ.

މީގެތެރެއިން އަންހެން މީހާއަކީ އުމުރުން 39 އަހަރުގެ މީހެކެވެ. އަދި ފިރިހެން މީހާއަކީ އުމުރުން 40 އަހަރުގެ މީހެކެވެ.

ދެ ފަހަރެއްގެ މަތިން މި ދެ މީހުންގެ ބަންދު މުއްދަތު އިތުރުކޮށްފައިވެ އެވެ.

އަވަސްއިން ބެލި ބެލުމުން އެނގުނު ގޮތުގައި މި ދެ މީހުންގެ ތެރެއިން އަންހެން މީހާއަކީ މޫނު ބުރުގާ އަޅައިގެން އުޅޭ މީހެކެވެ. އޭނާގެ މަންމައާއި ބައްޕަވީ ހައްޖުގެ މަތިވެރި އަޅުކަމަށް މައްކާގައި ކަމަށް، ކަމުގެ ހަގީގަތް އެނގޭ މީހަކު ކިޔައިދިނެވެ. މި އަންހެން މީހާއަކީ ހަށި ވިއްކާ މީހެއް ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ. އެހެންނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އެ ތުހުމަތު ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ކޯޓުގައި ފުލުހުން ބުނެފައިވާ ގޮތުގައި މި އަންހެން މީހާ ހައްޔަރުކޮށްފައިވަނީ ހެންވޭރުކޮޅު ގެއެއްގައި މީހަކު ރަހީނުކޮށްގެން ގެންގުޅުމުގެ ކުށުގައެވެ.

މި އަންހެން މީހާގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރު ކޮށްފައިވަނީ މީހަކު ރަހީނުކޮށްގެން އުޅޭތީ، ފުލުހުން އެ ގެއަށް ދިއުމުން އެ ގޭގެ ފްލޯއަކުން ފޭބި ވަގުތުގަ އެވެ. މައްސަލާގައި ހިމެނޭ ފިރިހެން މީހާވެސް ހައްޔަރު ކޮށްފައިވަނީ ރަހީނު ކުރުމުގައި އޭނާ ޝާމިލްވާ ކަމަށް ފުލުހުންނަށް ދެއްކުމުން އެ ގެ ކައިރިން ކަމަށް ބަންދު އަމުރުގައި ބުނެފައިވެ އެވެ.

މި ދެމަފިރިންގެ ތެރެއިން ފިރިހެން މީހާގެ ކުށުގެ ރެކޯޑް މީގެ ކުރިން ހުރި ނަމަވެސް އަންހެން މީހާގެ ރެކޯޑެއް އޮތް ކަމެއް އެނގިފައެއް ނުވެ އެވެ. މި ދެ މީހުންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކުގެ ތެރޭގައި ރަހީނު ކުރުމާއި ބްލެކްމެއިލް ކުރުމާއި ފޭރުން ހިމެނެ އެވެ.

މި ފަހުން މާލެ ސަރަހައްދުގައި ބްލެކްމެއިލް ކުރުމާއި ރަހީނުކުރުން ފަދަ ކުށްތައް އަންނަނީ ގިނަވަމުންނެވެ.