އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް މަގާމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޑައިގަންނަވާ ގޮތަށް ނިންމަވައިފި އެވެ.
ދެ ގައުމުގެ ރަސްމީ އެއްވެސް ފަރާތަކުން މިކަން އަދި ޔަގީންކޮށްދީފައެއް ނުވެ އެވެ. ނަމަވެސް މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތަށް ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް އަވަަސް އަށް ވަނީ އެނގިފަ އެވެ.
މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތަށް އިންޑިއާ އަށް ވަޑައިގަތުމުން އެ ގައުމުގެ ސަރުކާރުން ރައީސް މުއިއްޒަށް ފޮނުއްވި ދައުވަތު އެމަނިކުފާނު ގަބޫލުކުރައްވާފައިވާ ކަމަށްވެސް އެނގިފައިވެ އެވެ.
ބައެއް ބޭފުޅުންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު ސަރުކާރުގެ މަތީ ވަފްދަކާ އެކު ރައީސް މުއިއްޒު އިންޑިއާ ފުރާވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން އަދި މިހާތަނަށް އިންޑިއާއަށް އެއްވެސް ދަތުރެއް ކުރައްވާފައެއް ނުވެ އެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ދުވަސްވަރު ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ގުޅުން ގޯސްވެފައި އޮތް ނަމަވެސް އެ ގުޅުން މިހާރު ދަނީ މަޑުމަޑުން ވަރުގަދަވަމުންނެވެ.