ސުޓޫޑެންޓް ލޯން ޕްރޮގްރާމް

ސްޓޫޑެންޓް ލޯނު ލިބޭ ކުދިންގެ އަދަަދު ހުޅުވާލި އަދަދަށް ވުރެ ގިނަ

މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޭ ސްޓޫޑެންޓް ލޯން ސްކީމުން ލޯން ދޫކުރަން ހުޅުވާލާފައިވާ 500 ޖާގައަށް ވުރެ އިތުރަށް ކުދިން ޝަރުތު ހަމަވެ، އެ ހުރިހާ ކުދިން ހިމެނޭ ލިސްޓް މާދަމާ އާންމުކުރުމަށް ނިންމައިފި އެވެ.

ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ސްޓޫޑެންޓް ލޯނަށް ހުޅުވާލި ފުރުސަތުގައި 1،709 ފޯމު ވަނީ ހުށަހަޅާފަ އެވެ. މީގެ ތެރެއިން 500 އަށް ވުރެ ގިނަ ކުދިން ޝަރުތު ހަމަވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ލޯނަށް ޝަރުތު ހަމަވާ ކުދިންނަށް "މައިއެޑިއު" ޕޯޓަލް މެދުވެރިކޮށް އެކަން ޝަރުތު ހަމަވާކަން ނުވަތަ ޝަރުތު ހަމަނުވާކަން ސަބަބާއެކު އެނގޭނެ ކަމަށެވެ.

މިނިސްޓްރީން ބުނީ އެއްވެސް ޝަކުވާއެއް އޮތް ނަމަ މި މަހުގެ 27 ވަނަަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.

ސްޓޫޑެންޓް ލޯން ލިބޭ ދަރިވަރުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ޑިޕްލޮމާ، ބެޗްލާސް، މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ލިބެ އެވެ.