ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައިފި އެވެ.
މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މޯދީއާ ބައްދަލުކުރެއްވި ދެވަނަ ފަހަރެވެ. މީގެކުރިން އެމަނިކުފާނު މޯދީއާ ބައްދަލުކުރެއްވީ މިދިޔަ ޔޫއޭއީގައި އޮތް ކޮޕް 28 ސަމިޓުގެ ހަވާސާ އިންނެވެ.
ރައީސް މުއިއްޒު ދެވަނަ ފަހަރަށް މޯދީއާ ބައްދަލުކުރެއްވީ މޯދީ ތިންވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވުމަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އިއްޔެ ބޭއްވި ރަސްމިއްޔާތަށް އެ ގައުމަށް ވަޑައިގެންނެވި އެހެން ގައުމުތަކުގެ އިސްވެރިންގެ ޝަރަފްގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރަސްމީ ޖާފަތުގެ ތެރެއިންނެވެ.
މި ޖާފަތުގައި ރައީސް މުއިއްޒުގެ އަރިހުގައި މިނިސްޓާ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރާއި މިނިސްޓާ އޮފް ފިނޭންސް ޑރ. މުހައްމަދު ޝަފީގުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ އެމަނިކުފާނަށް ވެރިކަމަށް ވަޑައިގެންނެވި ފަހުން އަދި މިހާތަނަށް އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ދުވަސްވަރު ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ގުޅުން ގޯސްވެފައި އޮތް ނަމަވެސް އެ ގުޅުން މިހާރު ދަނީ މަޑުމަޑުން ވަރުގަދަވަމުންނެވެ.