އަހުމަދު ނާޒިމް

މަޖިލީހުގެ ނައިބް ރައީސް ނާޒިމުގެ ނުސީދާ ހަމަލާއެއް ރައީސް މުއިއްޒަށް

ގައުމު ދެކެ ލޯބިވުމާއި ގައުމިއްޔަތަކީ މުޅިން ދެ އެއްޗެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމް، ނުސީދާ ބަހުގެ ހަމަލާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވައިފި އެވެ.

ދިއްގަރު ދާއިރާގެ މެންބަރުކަންވެސް ކުރައްވާ އަދި ވެރިކަން ކުރާ ޕީއެންސީގެ އެންމެ ސީނިއާ އެއް ޕާލިމެންޓޭރިއަން ނާޒިމްގެ ނުސީދާ ހަމަލާއެއް ރައީސް މުއިއްޒަށް އަމާޒުވީ، ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ކުރެވުނު، އިޒްރޭލު މީހުންނަށް ރާއްޖެއަށް އެތެރެވުން މަނާކުރުމާ ގުޅޭ ބިލްގެ ބަހުސް ގައެވެ.

މި މައްސަލައިގައި ނާޒިމް ވިދާޅުވީ މީސްމީޑިއާގައި ރައްޔިތުންގެ އަޑު ރައްޔިތުން އިއްވަމުން ދިޔަނަމަވެސް އެ އަޑު ބޮޑުންނަށް އިވިވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ ގައުމު ދެކެ ލޯބިވުމާއި ގައުމިއްޔަތަކީ ދެ އެއްޗެއްކަން ދެނެގަންނަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޒިންމާދާރުވުމަކީ ކަނުބަދެވިގެން ތިބެގެން އަޅުގަނޑުމެން ކަންތައް ނިންމުމެއް ނޫން. ޤައުމު ދެކެ ލޯބިވުމަކީ ޤައުމަށް ދުޝްމަނުން ހޯދައި ލިބިގަތުމެއް ވެސް ނޫން އަދި އެހެންމެ ޤައުމުތަކަށްވުރެ ތިމާމެން މި ނަގާ ޕޮޒިޝަން މާ ހަރުދަނާވެފައި މާ މޮޅޭ ބުނުމެއް ވެސް ނޫން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ ނިންމާ ނިންމުމަކީ ޖުމުލަގޮތެއްގައި ޖަމަޢީ ގޮތެއްގައި އަޅުގަނޑުމެންގެ މިނިވަންކަމާއި ރައްކާތެރިކަން އަދި އިޤުތިޞާދީ ގޮތުން ވެސް އަޅުގަނޑުމެންނަށް ގެއްލުންނުވާނެ ގޮތްތަކަކަށް މި ކަންކަން ނިންމުން.
އަހްމަދު ނާޒިމު | ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް

ނާޒިމްގެ މި ވާހަކަތައް މި އައީ، އިޒުރޭލުގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ކަމާ ގުޅޭ ގާނޫނުތައް އިސްލާހުކުރުމަށް ސަރުކާރުން ނިންމާފައި ވަނިކޮށެވެ.

އިޒުރޭލުގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރަން ސަރުކާރުން ނިންމީ ވަޒީރުންގެ މަޖިލީހުގައި ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު އެކަން ކުރުމަށް ރައީސް މުއިއްޒަށް ލަފާ ދެއްވުމާ ގުޅިގެންނެވެ.

އޭރު އިދިކޮޅު އެމްޑީޕީން އޮތީ އެކަމާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅާފަ އެވެ. އިޒްރޭލު ޕާސްޕޯޓް އޮންނަ މީހުން ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް އިމިގްރޭޝަން ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަނެ ދިރާސާކުރަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ -- 241 ކޮމިޓީއަށް ފޮނުވުމަށްވެސް މިއަދު މަޖިލީހުން ވަނީ ނިންމާފަ އެވެ.