ރާއްޖޭގައި ވެރިކަމުގެ ނިޒާމު ބައްޓަންކޮށްފައިވަނީ ހަރަދު ބޮޑުކޮށް ކަމަށްވާތީ އެކަމާ މެދު ވިިސްނުމަށްފަހު ބަދަލުތަކެއް ގެނައުން އަވަސްކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމު ވިދާޅުވެެއްޖެ އެވެ.
ނާޒިމު މިހެން ވިދާޅުވީ މަޖިލީހުގެ މެންބަރުންނަށް އަމާޒުކޮށްގެން ވެސްޓްމިންސްޓަ ފައުންޑޭޝަން ފޯ ޑިމޮކްރަސީން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ނާޒިމު ވިދާޅުވީ ދިވެހިން މިއަދު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީއަށް އަމަލުކުރަމުންދާ 15 އަހަރު ވެގެން ދިޔައިރު ހޯދުނު ނަތީޖާއާއި ކުރެވުނު ހަރަދުތަކަށް ބަލައި ދައުލަތަށް އެކަށީގެންވާ ވަރުގެ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރަންޖެހޭ ކަމަށެވެ. މިވަގުތަށް އެންމެ މުހިއްމީ ވެރިކަމުގެ ނިޒާމު ހަރުދަނާކޮށް ހިންގުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ކަމަށްވެސް ވިދާޅުވި އެވެ.
"މިކަންކަމާ މެދު ވިސްނުމަށްފަހު ބައެއް ކަންކަން އަލުން މުރާޖައާ ކުރަންވެސް ޖެހޭ،" ނާޒިމު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލާމަރުކަޒީ ނިޒާމު ބައްޓަންކޮށްފައިވަނީ ރާއްޖެއަށް އެ ނިޒާމު ހިންގޭ ވަރަށް ވުރެ ބުރަ ބޮޑު ގޮތަކަށް ކަމަށެވެ. އެގޮތުން 300 އެއްހާ މީހުން ދިރިއުޅޭ ރަށަކަށް ފަސް ކައުންސިލަރުން އިންތިހާބުކޮށް އަދި ދައުލަތަށް ލިބޭ އާމްދަނީގެ ފަސް ޕަސަންޓް ބްލޮކް ގުރާންޓް ގޮތުގައި ކައުންސިލްތަކަށް ދޭންޖެހޭ ގޮތަށް ގާނޫނުގައި ލާޒިމުކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ދޭހަވާ ގޮތަށް ނާޒިމު ވާހަކަ ދެއްކެވި އެެވެ.
"މިހެންވީމާ ޑިމޮކްރަސީ ހަމަ މިހާ އަގު ބޮޑުވާން ޖެހޭތޯ ސުވާލު އުފައްދާނެ،" ނާޒިމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ނާޒިމު ވިދާޅުވީ މެންބަރުން މަސައްކަތް ކުރައްވަންވާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވައިގެން ރައްޔިތުންގެ އިހުސާސްތަކަށް ރިއާޔަތް ކުރައްވައިގެން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ދެފުށް ފެންނަ ޖަވާބުދާރީ ކުރުވޭ ގޮތަށް މަސައްކަތްތައް ރޭވިގެން ކުރިއަށްދާން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ނާޒިމު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ތިއްބެވި ނަމަވެސް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން ވާނީ ސިޔާސީ ހިޔާލުތަފާތުވުންތައް އެއް ފަރާތްކޮށްގެން ރައްޔިތުންނަށްޓަކައި އަދި ނަތީޖާވެސް ނެރެވޭ ގޮތަށް ކަމަށެވެ.