ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިންޑިއާގެ ރައީސް ދުރޫޕަދީ މުރްމޫއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އެ ގައުމުގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ލީޑަރުން ވަނީ ދެ ގައުމުގެ ތަރައްގީއާ ފާގަތިކަމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމު ކަމާ ގުޅޭގޮތުން ވާހަަކަދައްކަވާފަ އެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް މުރްމޫ ވިދާޅުވީ ވަރަށް ވަގުތުކުޑަތަން ވެފައި ވަނިކޮށް ދެއްވި ދައުވަތު ގަބޫލުކުރައްވައި އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގެންނެވުމަކީ ދެ ގައުމުގެ ގާތްގުޅުން ދޭހަކޮށްދޭ ކަމެއް ކަމަށެވެ.
އިންޑިއާގެ ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގައި އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުން ސުޕަ މެޖޯރިޓީ ހޯދާފައިވާތީ އެކަން ފާހަގަކުރައްވައި ރައީސް މުއިއްޒަށް މަރުހަބާ ވިދާޅުވި އެވެ. އަދި އިންޑިއާ ސަރުކާރުގެ "ނޭބަހުޑް ފަސްޓް ޕޮލިސީ" ފާހަގަކުރައްވައި ރާއްޖޭގެ ތަރައްގީއަށް އެހީތެރިވެދިނުމުގެ ޝައުގުވެރިކަން އިންޑިއާގެ ރައީސް ފާޅުކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ އިންޑިއާ ސަރުކާރުން އެމަނިކުފާނަށް އަދާކުރެއްވި މެހުމާންދާރީ ފާހަގަކުރައްވައި އިންޑިއާގެ ރައީސަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ރައީސް މުއިއްޒު ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަންވެސް ފާހަގަކުރައްވައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.
މީގެ އިތުރުން ދެ ގައުމުގެ ދެމެދު އޮންނަ ތާރީހީ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އެގޮތުގައި ދެމެހެއްޓުމާއި، ދެ ގައުމުން ގުޅުން ބަދަހިކޮށްފައިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ.