ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންވާ ތަކެތި ގަންނަން އަހަރެއްގެ މައްޗަށް 1.8 ބިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުލް ހަލީލް ވިދާޅުވެއްޖެ އެވެ.
ހަލީލް މިހެން ވިދާޅުވީ ރޭ ނ. މަނަދޫގައި ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް ހެލްތް ޕްރޮޓޭކްޝަން އޭޖެންސީ (އެޗްޕީއޭ)އާއި ހެލްތް މިިނިސްޓްރީއާއި ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ އަދި މަނަދޫގެ އިދާރާތައް ގުޅިގެން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ހަލީލް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލް ކުރުމަކީ ގިނަ ގޭބީސީތަކެއްގައި އަދިވެސް ވަރަށް އާންމު ކަމެއް ކަމަށާއި އެންމެ އަށް އަހަރުގައި ބައެއް ކުދިން ސިގިރޭޓާއި ވޭޕް ބޭނުންކުރަން ފަށާ ކަމަށެވެ.
"ގޭބީސީތަކުން އަޅުގަނޑުމެންނަށް އެބަ ފެނޭ ވޭޕް ގޭގެ މޭޒުމަތީގައި އޮއްވާ. ސޯފާގައި އޮއްވާ. ނޫނީ ކިޔަވަން ދަރިފުޅު ބޭނުންކުރާ މޭޒު މަތީގައި އޮއްވާވެސް އެބަ ފެނޭ،" ހަލީލް ވިދާޅުވި އެވެ.
ނަމަވެސް ބައެއް ގައުމުތަކުން ވޭޕް ބޭނުންކުރުން މަނާކުރުމުންނާއި އެތެރެކުރުން މަނާކޮށްފައިވަތީ މިކަމުގެ ނުރައްކާތެރިކަން ހުރި ހިސާބު ހާމަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަށް އަހަރެއްގެ މައްޗަށް ފަރުދުންގެ ޖީބުން 1.8 ބިލިއަން ރުފިޔާ ހަރަދުކުރާ ކަމަށާއި މި ފައިސާ އަކީ 50 އެނދުގެ ނުވަ ހޮސްޕިޓަލް އެޅުމަށް ބޭނުންކުރެވޭނެ ފައިސާ ކަމަށްވެސް ވިދާޅުވި އެވެ.
"މުޅިން އާރޯތާނާ ސުމަކުން ފަށައިގެން ގޮސް އެއްކޮށް [ހޮސްޕިޓަލެއް] ނިންމަން ބޭނުންވާ ފައިސާގެ ވާހަކަ މި ދައްކަނީ،" ހަލީލް ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ ގޭބީސީތަކުގައި ދުންފަތުގެ ނުރައްކަލާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށާއި، ދަރިންގެ ގާތުގައިވެސް މިކަމުން ދުރުވުމަށް ނަސޭހަތް ދިނުމަށް އެދިވަޑައިގެންފަ އެވެ. މީގެ އިތުރުން ދަރިންގެ އާދަތަކާއި ކޮށް އުޅޭ ކަންކަން ގާތުން ބެލުމަށްވެސް އެދިވަޑައިގެންނެވި އެވެ.
ހަލީލް ވިދާޅުވީ ބެެލެނިވެރިންގެ ބަހާއި ހަރަކާތުން އަދި އަޅާނުލެވުމުގެ ސަބަބުންވެސް ބައެއްފަހަރު ދަރިފުޅު ނުބައި މަގުންގޮސް ދުންފަތް ބޭނުންކުރުން ކަހަލަ ކަންކަން ކުރާ ކަމަށެވެ. ގުޑުގުޑާ ބުއިމަށް ހުންނަ ކެފޭތައްވެސް އާންމުވެފައިވާ ކަމަށް ވިދާޅުވެ މިނިސްޓަރު ވިދާޅުވީ އަރުތެރެއަށް މީރު ރަހައެއް ގޮތަށް އެތެރެކުރާ އެފަދަ ތަކެއްޗަކީ ފުއްޕާމޭ ހަލާކުކޮށްލާ ނުރައްކާތެރި އެއްޗެއް ކަމަށެވެ.
"މީގެ ނުރައްކާ ބޮޑުކަމުން ދުންފަތުގެ އިސްތިއުމާލު ކުރަމުންދާ މީހެއް ކައިރީގައި ހުރުމުންވެސް އޭގެން ލިބޭ ގެއްލުން ދިރާސާ ތަކުން ވެސް އެނގިގެންދޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ މިމައްސަލައަށް ހައްލު ހޯދޭނެ ކަމަށާއި ހައްލު އޮތީ ކޮންމެ ފަރުދެއްގެ ޒިންމާގެ ތެރޭގައި ކަމަށެވެ. އެ ހައްލުގައި ހިފުމުން އެތައް އާއިލާއެއް ތަހައްމަލުކުރަން ޖެހޭ ވަރަށް ގިނަ ތުރާތަކަކުން، އެ އާއިލާތައް ކުރިމަތިލާން ޖެހޭ ވަރަަށް ގިނަ ހިތާމަތަކަކުން ސަލާމަތް ވެގެންދާ ކަމުގައިވެސް ވިދާޅުވި އެވެ.
ހަލީލު އިތުރަށް ވިދާޅުވީ ދުންފަތުގެ މައްސަލަ ހައްލުކުރުމަށް ކަމާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތައް ކިތަންމެ ވަރުގަދަކޮށް ހެދިފައިވީ ނަމަވެސް ގާނޫނުތަކާއި ގަވައިދުތައް ތަންފީޒު ކުރާނީ ރައްޔިތުން އެކަމަށް ބޭނުންވެގެން ކަމަށެވެ.