ޑރ. މުހައްމަދު މުއިއްޒު

އިންޑިއާގެ ދަތުރު ވަރަށް ކާމިޔާބު: ރައީސް

އިންޑިއާއަށް އެމަނިކުފާނު ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅަކީ ރާއްޖެއަށް ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ނަރެންދުރަ މޯދީ އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ތިންވަނަ ދައުރަކަށް ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ދައުލަތުގެ މީޑިއާ -- ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ އިންޑިއާ ދަތުރުފުޅަކީ ރާއްޖެ ހިމެނޭ ސަރަހައްދަށްވެސް ރަނގަޅު ދަތުރަކަށް ވާނެ ކަމަށެވެ.

"ވަރަށް އުފާކުރަން އަޅުގަނޑަށް މިދައުވަތު ދެއްވި ކަމަށްޓަކައި،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ އިންޑިއާގެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރްމޫއާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރާ ވެސް ބައްދަލުކުރައްވާފަ އެވެ.

ރައީސް މުއިއްޒު ވަނީ އިންޑިއާގެ އެންމެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ފުރުސަތު ދެއްވެވީތީ އެކަމަށްވެސް އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ރަނގަޅު ކަންތައްތަކެއް ދެ ގައުމުގެ ގުޅުމުގެ ތެރެއިން ވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. އެކަމަކު އެކަމުގެ އެއްވެސް ތަފްސީލެއް ހިއްސާކުރައްވާފައެއް ނުވެ އެވެ.

"އިރާދަކުރެއްވިއްޔާ ދިވެހިރާއްޖެއަށް އެންމެ ރަނގަޅު ގޮތް ދިވެހި ރައްޔިތުންނަށް ހެވާ ލާބަ ލިބޭ ގޮތަށް އަޅުގަނޑުމެން ދެ ގައުމުގެ ގުޅުމުގެ ތެރެއިން އެކުވެރި ގާތްގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

އިންޑިއާ ސަރުކާރުގެ ދައުވަތަކަށް ރައީސްގެ މުއިއްޒު އެ ގައުމަށް ކުރެއްވި ދެ ދުވަހުގެ މިދަތުރުފުޅަކީ އެމަނިކުފާނު އިންޑިއާ އަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.