ރިޕޯޓް

ބޮޑެތި ތުހުމަތުތަކެއް ކުރާއިރު ނާޒިމް ހައްޔަރު ނުކުރަނީ ކީއްވެ؟

Jan 28, 2015
1

ޑިފެންސް މިނިސްޓަރަކަށް ހުންނެވި މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓަށް މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ދަންވަރު ފުލުހުން ވަދެ، އެތަނުން އެއްޗެހިތަކެއް ގެންދިއުން ވެގެން ގޮސްފައިވަނީ އެތައް ބަޔަކަށް ކުއްލި ހައިރާންކަމަކާއި ސިހުން ގެނުވި ކަމަކަށެވެ. ރާއްޖޭގެ އެންމެ ބާރުގަދަ އެއް ވަޒީރު ދިރިއުޅުއްވާ ގޭގައި ރޭގަނޑު ދަންވަރު އެތައް ބަޔަކު ނިދާފައި ތިއްބާ ފުލުހުން ވަދެ، ފާސްކުރުމަކީ އާދައިގެ ކޮންމެ ރައްޔިތެއްގެ ހިތުގައި ވެސް އެތައް ސުވާލެއް އުފެދޭނެ ކަމެކެވެ. އެއީ ކިހިނެއްވެގެން ދިޔަ ކަމެއްތޯ ބަލަން އެންމެން ވެސް ބޭނުންވާނެ އެވެ.

އެކި މީހުން ގެންގުޅެނީ އެކި ތިއަރީތަކެވެ. އެއީ ސިޔާސީ ގޮތުން ނާޒިމް "ދުއްވާލަން" ސަރުކާރުން ރާވައިގެން ކުރި ކަމެއް އެއް ބަޔަކު ބުނަމުންދާއިރު އެއީ ނާޒިމް މަގާމުން ވަކިކުރަން ބަހަނާއެއް ދެއްކުމުގެ ގޮތުން ސަރުކާރުން ކުރި ކަމެއް ކަމަށް ވެސް ބުނާ މީހުން މަދެއް ނޫނެވެ. ކޮންމެ ބަޔަކު ވެސް އަނެއް ބަޔަކަށް ވުރެ މޮޅެތި ތިއަރީތައް މިދަނީ ނެރެމުންނެވެ. އެއީ އެކަމުގައި ފުރިހަމަ ހަގީގަތް އެނގި ތިބެ ކަމަށްވިޔަސް ނުވަތަ ނޫން ކަމަށް ވިޔަސް މެ އެވެ. ނަމަވެސް މިއަދު މިއުޅެނީ އެ ވާހަކަ ދައްކާކަށް ނޫނެވެ.

މިހާތަނަށް ފުލުހުން އާންމުކޮށްފައިވާ މަދު މައުލޫމާތުތަކަށް ބަލާއިރު ނާޒިމްގެ މައްޗަށް ފުލުހުން ކުރަނީ ނުރައްކާތެރި ހަތިޔާރު ގެންގުޅުމުގެ ތުހުމަތެވެ. އެ އެޕާޓްމެންޓުން ފެނުނީ ކޮން ބާވަތެއްގެ ހަތިޔާރެއް ކަމެއް ފުލުހުން ނުބުނި ނަމަވެސް އަޑުފެތުރެމުންދާ ގޮތުގައި އެތަނުން ފެނުނީ ހަނގުރާމަވެރި ހަތިޔާރެއް ކަމަށް ވާ ފިސްތޯލައެކެވެ. މީޑިއާތަކުގައި އާންމުކޮށްފައިވާ އެ ވާހަކަ ފުލުހުން ވެސް ދޮގެއް ނުކުރެ އެވެ. އެކަމަކު އެތަނުން ފެނުނީ ހަގީގަތުގައި ވެސް ފިސްތޯލައެއް ކަމަށްވާ ނަމަ އެ ހާދިސާއަށް 10 ދުވަސް ފުރުނުއިރު މިއަދާ ހަމައަށް ވެސް ނާޒިމް ހައްޔަރު ނުކޮށް ހުރީ ކީއްވެގެންތޯ މިިއީ ހަގީގަތުގައި ވެސް މިއަދު އުފައްދަންޖެހޭ ސުވާލެކެވެ.

މީގެ ހައެއްކަ އަހަރު ކުރިން، މީހަކު ދަތުރު ގޮސް އުޅެނިކޮށް ފެނުނު ބޭނުންކޮށްފައި އޮތް ބްލޭންކް ވަޒަނެއް ނަގައިގެން ގެންގުޅުނު މީހަކު ހައްޔަރުކޮށް، އެ މީހާގެ މައްޗަށް ޝަރީއަތް ހިންގި އެވެ. އެ ވަޒަން ގެންގުޅުނީ ފަށު ފުލުގައި ލާން ކަމަށާއި އެކަން ކުރީ ހަނގުރާމަވެރި ހަތިޔާރެއް ގެންގުޅުމުގެ ނިޔަތުގައި ނޫން ކަމަށް ކޯޓުގައި ބުނުމުން ދަށު ކޯޓުން އޭނާ ސަލާމަތްވި އެވެ. ނަމަވެސް ދައުލަތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައިވަނީ އެ ވަޒަނަކީ ހުސް އެއްޗަކަށް ވިޔަސް އަދި އޭގެ ބޭނުން އަލުން ނުކުރެވުނަސް އެފަދަ އެއްޗެއް ގެންގުޅުނު މީހަކު ކުށުން ސަލާމަތްވެގެން ނުވާނެ ކަމަށެވެ. މިއީ ހަނގުރާމަވެރި ހަތިޔާރެއް ގެންގުޅުމުގެ ނުރައްކާތެރިކަމާއި އެފަދަ ކަމެއް ކުރާ މީހަކާ މެދު ގާނޫނީ ގޮތުން އޮންނަ ހަރުކަށި އުސޫލު އަންގައިދިން ކުޑަ މިސާލެކެވެ.

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމަކީ ރާއްޖޭގެ ގާނޫނުތަކުން ބޮޑެތި އަދަބުތައް ކަނޑައެޅޭ ބޮޑު ކުށެކެވެ. ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުންނާއި ރާއްޖެ ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން ވެސް އެފަދަ ތަކެއްޗަކީ ވަކި ޚާއްސަ ހުއްދަ އޮންނަ ބަޔަކަށް މެނުވީ ގެންގުޅުން މުޅިން މަނާތަކެއްޗެވެ. ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން ނަމަވެސް ނާޒިމްގެ އަތުގައި އެފަދަ ހަތިޔާރު ގެންގުޅުމުގެ ހުއްދަ އޮތް ނަމަ ނާޒިމް ދިރިއުޅުއްވި ގޭގެ ދޮރު ފުނޑާލާފައި އެގެއަށް ވަދެ އެ ބުނާ ހަތިޔާރެއް ފުލުހުން ނުގެންދިޔައީހެވެ. އެހެންވެ ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ނާޒިމްގެ އަތުގައި އެފަދަ ހަތިޔާރު ގެންގުޅުމުގެ ހުއްދަ ނެތޭ ބުނުމުގެ ޖާގަ އެބައޮތެވެ.

ހުއްދަ ނެތި ހަނގުރާމަވެރި ހަތިޔާރެއް ގެންގުޅުމަކީ ބޮޑެތި އަދަބުތައް އަންނަ ކުށަކަށް ވާއިރު މިއަދާ ހަމައަށް ވެސް ނާޒިމް އެ ހުންނެވީ މިނިވަންކަމާ އެކު އެވެ. ފުލުހުން ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު މިހާތަނަށް ކުރެވުނު ކަމަކީ ނާޒިމާއި އޭނާގެ އާއިލާގެ މެމްބަރުންގެ އިނގިލީގެ ނިޝާނާއި ފޮރެންސިކް ބައެއް ހެކި ހޯދުމެވެ. އޭގެފަހުން އެ މައްސަލައާ ގުޅިގެން އިތުރު ފިޔަވަޅެއް އެޅިކަމެއް ނުވަތަ ނޫން ކަމެއް ވެސް ހާމައެއް ނުކުރެ އެވެ. ނާޒިމްގެ މައްޗަށް ފުލުހުން އެ ކުރަނީ ހަގީގަތުގައި ވެސް ރަނގަޅު ތުހުމަތެއް ނަމަ އެފަދަ ތުހުމަތެއް ކުރެވޭ މީހަކު ދޫކޮށްލާފައި ބެހެއްޓުމަކީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

އެރޭ ދަންވަރު އެތައް ބަޔަކު ނިދާފައި ތިއްބާ ނާޒިމް ދިރިއުޅުއްވި ގ. އިނީފް ގޭގެ މައި ދޮރު ފުނޑާލުމަށް ފަހު ފުލުހުންގެ ސްވޮޓް ޓީމުން އެގެއަށް ގޮސް ވަނުމަކީ ވެސް އެކަމުގެ ނުރައްކާތެރިކަން ދައްކުވައިދިން ކަމެކެވެ. ނާޒިމްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ ޒާތަށް ބަލާއިރު އޭނާގެ ފަރާތުން މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިހްތިމާލު އޮތުމުގެ އިތުރުން ނާޒިމަކީ ދައުލަތުގެ އިސް މަގާމެއް އަދާކޮށްފައި ހުރި ބޭފުޅަކަށް ވާތީ އޭނާ ދޫކޮށްލާފައި ބަހައްޓައިފި ނަމަ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ބެލެވިދާނެ އެވެ. ނާޒިމްގެ މައްޗަށް ފުލުހުން އެ ކުރަނީ ހަގީގަތުގައި ވެސް ރަނގަޅު ތުހުމަތެއް ނަމަ މިއީ އޭނާ ހައްޔަރުކުރަންޖެހޭ މަދު ސަބަބުތަކެވެ.

ފުލުހުން މިހާރު އެ މައްސަލައިގައި އަމަލުކުރަމުންދާ ގޮތުން ވެސް އެކަމުގައި ބޮޑެތި ސުވާލުތަކެއް މިހާރު ދަނީ އުފެދެމުންނެވެ. އެ އެޕާޓްމެންޓަށް ފުލުހުން ވަނުމުގެ ކުރިން އެއީ ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓްކަން ފުލުހުންނަށް ނޭނގޭ ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ ގަބޫލުކުރަން ދަތި ވާހަކަ އެކެވެ. ރާއްޖޭގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އަދި ރައީސް ފިޔަވައި ސިފައިންގެ ދެވަނަ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ބޭފުޅާ ދިރިއުޅޭ ތަނެއް ފުލުހުންނަށް ނޭނގި އޮވެދާނެ ކަމަކަށް ނުބެލެވެ އެވެ.

ނާޒިމްގެ މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތަށާއި ފުލުހުންގެ ވާހަކަތަކަށް ބަލާއިރު ނާޒިމްގެ މައްޗަށް ފުލުހުން އެ ކުރަނީ ހަގީގަތުގައި ވެސް ރަނގަޅު ތުހުމަތެއްތޯ މިހާރު ސުވާލު އުފައްދަނީ އެހާ ނުރައްކާތެރި ތުހުމަތެއް ކުރެވުނު މީހަކު މިނިވަންކަންމަތީ ބެހެއްޓުމުންނެވެ. ނާޒިމްގެ މައްޗަށް އެ ކުރަނީ ރަނގަޅު ތުހުމަތެއް ނަމަ މުޖްތަމައުގެ ސަލާމަތަށްޓަކައި ނަމަވެސް އޭނާ ހައްޔަރުކުރަން ޖެހެ އެވެ. އެކަމުގައި ހަގީގަތެއް ނެތް ނަމަ މިހާރުން މިހާރަށް އެކަން ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭނެ އެވެ. ޚުދު ނާޒިމަށް ވެސް އަދި މުޖްތަމައުގެ ހަމަޖެހުމަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެއީ އެވެ.