ހަބަރު

ލޯކައުންސިލްތަކުގެ ޖަމިއްޔާގެ މެންބަރުންނަށް ވުމަށް ހުޅުވާލައިފި

ލޯކަލް ކައުންސިލްތައް ތަމްސީލް ކުރާ ޖަމިއްޔާ -- މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަން (އެމްއެލްސީއޭ) މެންބަރުންނަށް ވުމަށް ހުޅުވާލައިފި އެވެ.

އެމްއެލްސީއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖަމިއްޔާގެ މެންބަރުންނަށް ވުމަށް ރާއްޖޭގެ ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

އެމްއެލްސީއޭގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން މެންބަރުންނަށް ވާން ބޭނުންވާ ކައުންސިލްތަކުން، އެ ޖަމިއްޔާގެ މެންބަރުން ދައްކަންޖެހޭ ޗަންދާ ދެއްކުމަށް އެއްބަސްވެ، ކައުންސިލްގެ ފަރާތުން އެ ޖަމިއްޔާގެ ކަންކަމުގައި ތަމްސީލް ކުރާނެ މަންދޫބެއް ކަނޑައަޅައި، ކައުންސިލްގެ ގަރާރަކުން ފާސްކުރަންޖެހެ އެވެ.

އެމްއެލްސީއޭ އަކީ ރާއްޖޭގެ ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް އެ މުއައްސަސާތަކުގެ މެދުގައި އެކި ކަންކަމުގައި ގުޅުުން ބަދަހިކުރުމާއި، އެކުގައި ކަންކަން ހާސިލުކުރުމަށް މަޝްވަރާކުރުމުގެ މާހައުލެއް އުފެއްދުމުގެ މަގުސަދުގައި އުފައްދާފައިވާ އަމިއްލަ ޖަމިއްޔާ އެކެވެ.

އެމްއެލްސީއޭ، ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ.

ލޯކަލް ކައުންސިލްތަކަކީ ދެމެހެއްޓެނިވި ތަރައްގީއަށާއި ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދީގެން ޕްލޭންތައް އެކަށައަޅާ މުއައްސަސާތަކަކަށް ހެދުމަށް ބާރުއެޅުމަށާއި، ލާމަރުކަޒީ އުސޫލުތަކާ އެއްގޮތަށް ކައުންސިލްތައް ހިންގައި، ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންގެ ކަންކަން ނިންމުމަށް ބާރުއެޅުމަށް މަސައްކަތް ކުރުމަކީވެސް އެމްއެލްސީއޭގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

އެމްއެލްސީއޭ އިން ވަނީ އެ ޖަމިއްޔާގެ މަގުސަދުތަކާއި، ޖަމިއްޔާގެ މެންބަރަކަށް ވުމަށް ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކާއި، އެސޯސިއޭޝަންގެ އިފްތިތާހީ ޖަލްސާ އަދި ހިންގާ ކޮމިޓީގެ އިންތިހާބާ ގުޅޭގޮތުންވެސް މިއަދު މައުލޫމާތު ހިއްސާކޮށްފަ އެވެ.

އެމްއެލްސީއޭގެ ހިންގާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމްއެލްސީއޭގެ އިފްތިތާހީ ޖަލްސާ އަދި ހިންގާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖުލައި 7-6 ގައި ބ. ކަމަދޫ ގައެވެ.